ވޯކް ވިސާ ޖަހާފައިވާ ޕާސްޕޯޓު ނެގުމަށް “އޭންޓް ކިޔޫ” އެޕްލިކޭޝަނުން ކިއު ނަންބަރު ދޫކުރަން ފަށައިފިއެވެ.
ވޯކް ވިސާ ކުރިން ދޫކުރުން އޮންނަ ގޮތުން ޕާސްޕޯޓާއި ހަވާލުމަށް އަންނަ ފަރާތްތަކުން، ކަނޑައެޅިފައިވާ ގަޑިއަކަށް އިމިގްރޭޝަނަށް ހާޒިރުވާން ޖެހެއެވެ. އަދި އެ ފަރާތެއްގެ ނަންބަރު ޖެހެންދެން އިމިގްރޭޝަންގައި މަޑުކޮށް ކިއުގައި ގިނައިރުވަންދެން ހުންނަން ޖެހެއެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، އިމިގްރޭޝަންގެ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، މިއަދުން ފެށިގެން ވޯކް ވިސާ ޖެހުމަށް ފަހު ޕާސްޕޯޓާ ހަވާލުވުމަށް އޮންލައިންކޮށް “އޭންޓް ކިޔޫ” އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ދޫކުރުމަށް ވަނީ ނންމާފައި ކަމަށެވެ.
އިމިގްރޭޝަންގެ ބަޔާނުގައި ވަނީ ކުރިން މިކަން އޮންނަ ގޮތުން ހިދުމަތް ހޯދާ ފަރާތްތަކުގެ ޝަކުވާ ވަރަށް ބޮޑު ކަމަށާ، މިކަމަށް ހައްލެއް ހޯދުމަށްޓަކައި ޒަމާނާ އެއްގޮތަށް މި ހިދުމަތް އޮންލައިންކޮށް، ކުރުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމެއް ކަމަށް ފާހަގަ ކޮށްފައެވެ.
“މިހާރު “އޭންޓް ކިޔޫ” މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް ނަންބަރު ނަގާލެވޭނެއިންތިޒާމު ފަހިކޮށްދީފައިވާފައިވޭ.”
އެޕްލިކޭޝަނުންކިއުގެ ހިދުމަތް ދެމުންދާ ތަރުތީބުވެސް ވަގުތުން ބަލާލެވޭނެކަމަށާ، އެހެންކަމުން، މިއީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ވަގުތު ސަލާމަތްވެ، ހިދުމަތް ހޯދުމުގައި އިތުރު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް އިމިގްރޭޝަންގެ ބަޔާނުގައިވަނީ ބުނެފައެވެ.
ވޯކް ވިސާ ޖެހި ޕާސްޕޯޓު ދޫކުރާނެ ގަޑިތައްވެސް އިމިގްރޭޝަނުން ވަނީ ކަނޑައަޅާފައެވެ.
އެގޮތުން ފަހެއް ނުވަތަ އެއަށް ވުރެ މަދު ޕާސްޕޯޓާ ހަވާލުވާ ފަރާތްތަކުން ނަންބަރު ނަންގާނީ، ހެނދުނު 9:00 އާ 10:30 އާ ދެމެދުގައެވެ. އަދި އެ ނަންބަރުތަކަށް ޚިދުމަތް ދޭނީ ހެނދުނު 10:00 އިން މެންދުރު ފަހު ތިނެކަށެވެ.
ހައެއް ނުވަތަ އެއަށް ވުރެ ގިނަ ޕާސްޕޯޓާ ހަވާލުވާ ފަރާތްތަކުން ނަންބަރު ނަގާނީ މެންދުރު 11:30 އާ 12:30 އާ ދެމެދުގައެވެ. އެ ނަންބަރުތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ މެންދުރު ފަހު 1:15 އިން 3:00 އަށެވެ،

