އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވެފައި ވަނީ އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި، ހިނގި ހާދިސާއެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސާއި ފޮރިން މިނިސްޓަރު އަވާހަރަވުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއް ކަމަށެވެ. އަދި މި ހާދިސާގައި މަރުވި ފަރާތްތަކުގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ދަންނަވާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ޕޯސްޓްގައި ވަނީ މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާއަށް ވެސް ތައުޒިޔާ ދަންނަވާފައެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ހަބަރުތައް ބުނާގޮތުން އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަކަށްފަހު އީރާނުގެ ރައީސް އެނބުރި ގައުމަށް ވަޑައިގެންނެވި މަގުމަތީގައި ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓިފައިވަނީ އީރާނުގެ އިރުމަތީގައި އޮންނަ އަޒަރުބައިޖާން ޕްރޮވިންސުގެ ސަރަހައްދަކަށެވެ. އަދި ހެލިކޮޕްޓަރު ވެއްޓިފައި އޮތް ސަރަހައްދުން ސަލާމަތުން ހުރި އެއްވެސް މީހެއްގެ ނިޝާނެއް ފެންނަން ނެތްކަމަށްވެސް ޚަބަރުތައް ބުނެއެވެ.

