އިރާނުގެ ރައީސް އިބްރާހިމް ރައިސީ އަވަހާރަވެފައިވާކަން ރަސްމީކޮށް އިއުލާނުކޮށް، ވެރިކަން ނައިބު ރައީސް މުހައްމަދު މޮޚްބެރް އާ މިއަދު ހަވާލުކޮށްފިއެވެ.
ރައީސީ އަވަހާރަވީ، އިރާނާއި އަޒަރުބައިޖާން ގުޅޭ ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި އިރާނަށް ވަޑައިގެންނެވި މަގުމަތީގައި އަޒަރްބައިޖާންގެ އިރުމަތީ ސަރަހައްދުގައި އޮންނަ ޑިޒްމަރް ޖަންގަލި ތެރެއަށް ދަތުރުކުރެއްވި ހެލިކޮޕްޓަރ ވެއްޓިގެންނެވެ.
ރައިސީ އާ އެކު އެ ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އާއި، އުތުރު އަޒަރުބައިޖާނު ޕްރޮވިންސްގެ ގަވަރުނަރު މާލިކު ރަހުމަތީ އަދި ތަބްރީޒުގެ އިމާމު މުހައްމަދު އަލީ އަލްހާޝިމް ވެސް އަވަހާރަވިއެވެ. ހެޑް އޮފް ޕްރެޒިޑެންޝިއަލް ގާޑް މަހްދީ މޫސާވީ އާއި ހެލިކޮޕްޓަރުގެ ޕައިލެޓް، ކޯ ޕައިލެޓް އަދި ކްރޫ މެމްބަރު ވެސް ވަނީ އަވަހާރަވެފައެވެ.
ރައިސީ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ދަނީ ހިތާމަފާޅުކުރައްވައި ތައުޒިޔާ ވިދާޅުވަމުން ދާއިރު ރާއްޖޭގެ ގައުމީ ދިދަ ވެސް ވަނީ މިހިތާމައިގައި ކުރިއަށް އޮތް ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައެވެ.
ރައިސީ އަވަހާރަވުމާ ގުޅިގެން، އީރާނުގެ ރައީސްގެ ޒިންމާތަކާ ވަގުތީ ގޮތުން ނައިބު ރައީސް މޮޚްބެރް މިހާރު ވަނީ ހަވާލުވެވަޑައިގެންފައެވެ.
އިރާނުގައި، 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބު ކުރަންޖެހޭ ކަމަށް އިރާނުގެ ގާނޫނުއަސާސީ ގައި ބުނެފައިވެއެވެ.

