މައުންޓް އެވަރެސްޓްގައި ދުނިޔޭގެ އެންމެ ހުނަރުވެރި ކްލައިމްބިން ގައިޑުންގެ ތެރޭގައި ހިމެނޭ ކަމީ ރީޓާ ވަނީ 29 ވަނަ ފަހަރަށް ދުނިޔޭގެ އެންމެ އުސް ފަރުބަދަ ނޭޕާލްގެ ކަތުމަންޑޫގެ މައުންޓް އެވަރެސްޓަށް އަރައި އޭނާގެ އަމިއްލަ ރެކޯޑް މުގުރާލާފައެވެ.
ސެވަން ސަމިޓް ޓްރެކްސްގެ މިންގްމާ ޝެރްޕާ ބުނިގޮތުގައ ކަމީ ރީޓާ އަރާފައިވަނީ 8،849 މީޓަރު (29،032 ފޫޓް) ގެ އުސްމިން ހުރި ފަރުބަދައަށް މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުގެ ފަތިހު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހާލު ރަނގަޅު ކަމަށާއި މިހާރު އޭނާވަނީ ފަރުބަދައިގެ ތިރީގައިވާ ކޭމްޕްތަކާއި ހިސާބަށް ގޮސްފައެެވެ. މިންގްމާ ޝެރްޕާ ބުނީ ފަރުބަދައިގެ ހިސާބަށް މޫސުން ރަނގަޅު ކަމަށާއި މޫސުން ހުރީ ސަމިޓަށް އެރުމަށް އެކަށީގެންވާ ގޮތަށް ކަމަށެވެ.
" 29 ވަނަ ފަހަރަށް ދުނިޔޭގެ އެންމެ އުސް ހިސާބަށް. މިއީ އެތައް ބައެއްގެ ހުވަފެނެއް." ބޭސް ކޭމްޕުން ރީޓާ ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓެއްގައި ވެއެވެ.
ރީޓާ ވަނީ މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން އެވަރެސްޓް ފަރުބަދައަށް އަރައި، އޭނާގެ ފުރަތަމަ އެކްސްޕެޑިޝަންގައި އެންމެ ގިނަ އިން ފަރުބަދައަށް އެރުމުގެ ރެކޯޑް ގާއިމްކޮށް، އޭގެ ހަފުތާއެއް ވެސް ނުވަނީސް އެ ރެކޯޑް އާކޮށްފައެވެ.
އޭނާ އާއި އޭނާގެ އެކުވެރި ޝެރްޕާ ގައިޑެއް ކަމުގައިވާ ޕަސަންގް ދާވާ އަންނަނީ ދުނިޔޭގެ އެންމެ އުސް ފަރުބަދައަށް އެންމެ ގިނަ ފަހަރު އެރުމުގެ ރެކޯޑަށް ވާދަކުރަމުންނެވެ. ދާވާ ވަނީ 27 ފަހަރެއްގެ މަތިން ފަރުބަދައިގެ އެންމެ މައްޗަށް އަރައިފަ އެވެ.
"އެވަރެސްޓް މޭން" ގެ ނަމުން ރީޓާއަށް ނަން ދީފައިވަނީ ،އެންމެ ފުރަތަމަ 1994 ވަނަ އަހަރު އެވަރެސްޓްއަށް އެރި ފަހުން ކޮންމެ އަހަރަކު ވެސް އޭނާ އެ ފަރުބަދައަށް އަރަމުން އަންނާތީއެވެ. އޭނާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެވަރެސްޓް ފަރުބަދައަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަގުބޫލު ގައިޑެކެވެ.
ނޭޕާލާއި ޓިބެޓްގެ ބޯޑަރުތަކުގައި ދިރިއުޅެމުން އަންނަ ހިމަލަޔަން ދަރިކޮޅުން އައިސްފައިވާ އެންމެ ފުރަތަމަ ޝެރްޕާ ގައިޑުންގެ ތެރޭގައި ހިމެނޭ ރީޓާ ބައްޕަގެ މި މަސައްކަތް ކުރިއަށް ގެންދިޔުމަށް އޭނާ ބޭނުންވެއެވެ.
ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން ގިނަ ބަޔަކަށް ފަރުބަދައަކަށް އެރުމުގެ ހުއްދަ ދީފައިވާއިރު މި މަހުވެސް ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ އެތައް ސަތޭކަ ބަޔަކު ވަނީ މި ފަރުބަދައަށް އެރުމަށް މަސައްކަތް ކޮށްފައެވެ.
ނޭޕާލަކީ ދުނިޔޭގެ އެންމެ އުސް 10 ފަރުބަދަތަކުގެ ތެރެއިން 8 ފަރުބަދަ އޮންނަ ގައުމަކަށް ވެފައި ބަހާރު މޫސުމުގައި ވައި މަޑުވެފައި ފިނިހޫނު މިން އެއްވަރެއްގައި އޮންނަ ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު އެތަންތަނަަށް ޒިޔާރަތްކުރެއެވެ.
މިދިޔަ އަހަރުވެސް އެވަރެސްޓްގެ ސަމިޓަށް 600 އަށް ވުރެ ގިނަ މީހުން ދަތުރުކޮށްފައި ވެއެވެ. ނަމަވެސް ފަރުބަދައަށް މޫސުން ގޯސްވުމުގެ ސަބަބުން ހިތާމަވެރި 18 ހާދިސާއެއް ވަނީ ހިނގާފައެވެ.

