މާފަންނު ރަބީއުވިލާ ގޭގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ މއ. ބޯޅަކިންކިރިމާގެ، އަހުމަދު އައިމަން (30އ) ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އަހުމަދު އައިމަން އެންމެ ފަހުން ފެނިފައިވަނީ މެއި 16 ވަނަ ދުވަހުގެ 21:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިންކަމަށާއި އާއިލާއަށް ހަބަރުނުވާތާ ތިން ދުވަސް ވީކަމަށް ބުނެ އެ އާއިލާއިން ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
އައިމަން ގެއްލުނުކަން ރިޕޯޓް ކުރި ފަހުން މިއަދު މެންދުރު ފަހު މ. ރަބީއުވިލާ ގޭގެ ގްރައުންޑް ފްލޯގައި ފިރިހެނަކު ނިޔާވެފައި އޮތް ރިޕޯޓް ފުލުހުންނަށް ވަނީ ލިބިފައެވެ. އެއާއެކު އެގޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑަކީ ކާކުކަން ދެނެގަތުމަށް ސައިންޓިފިކް އެނަލިސިސްތައް ހެދުމަަށް ފަހު އިތުރު ތަފްސީލު ދެމުން ފުލުހުން މިރޭ ބުނެފައި ވަނީ ނިޔާވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ އައިމަން ކަމަށެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އައިމަންގެ ހަށިގަނޑު ރަބީއުވިލާ ގެއިން ފެނިފައި މިދަނީ މިދިޔަ އޭޕްރީލް މަހު އަލިފާނުގެ ހާދިސާއެއް ހިނގިފަހުން، އެ ގެ ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވަނިކޮށެވެ.

