(މި ލިޔުމަކީ މީގެ 3 އަހަރު ކުރިން 2021 ގައި މައުމޫން އިބްރާހީމް މި ނޫހަށް ލިޔުއްވާފައިވާ ލިޔުމެކެވެ.)
12 ނޮވެމްބަރ 2011 ވީ ހޮނިހިރު ދުވަހުގެރޭ އަޅުގަނޑުގެ އެކުވެރިން ތަކަކާއެކި ދެއްވަދޫ ސިލުނބާ ކެފޭއަށް ކޮފީ ބޯން ގޮސް ތިއްބައި ދެކެވެމުން ދިޔަ ވާހަކައިގެ ތެރެއިން އެތާގައި އުމުރުން ދުވަސްވީ މީހަކު އިނީތީވެ އޭނާ ކައިރިން ދެއްވަދޫ ގައި ކުރިން ހިނގާފައިވާ ހާދިސާ ތަކުގެ ތެރެއިން ވާހަކައެއް ކިޔައިދޭން އެދުމުން ކިޔައިދިން ވާހަކައެއް ތިބޭފުޅުންނާ ހިއްސާ ކޮށްލާނަމެވެ.
އެމީހަކީ ސިލުނބާ ކެފޭ ހިންގާ (ހުދުފިނިފެންމާގެ) ސަމަދުބެއެވެ. ސަމަދުބެ އަކީ ކޮންމެވެސް ވަރަކަށް ދިވެހިބޭސް ވެރިކަން ވެސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އަޅުގަނޑު މިވާހަކަ މި ގެނެސްދެނީ ސަމަދުބެ ކިޔައިދިން ގޮތަށެވެ.
އޮނަވިހި ސަތޭކަ ތިރީހުގެ އަހަރު ތަކުގެ ތެރެއިން އަހަރެކެވެ.
ދެއްވަދޫއަށް ދޯންޏެއް ބަނުމަށް އައި ގދ.ގައްދޫ މީހަކު ދެއްވަދޫ ދަލެކާ ކިޔާ އަންހަނަކާ ހިތާވެގެން ދެމީހުން ދިޔައީ ރަށުގެ އަނދިރި ތަންތާގައި ސިއްރުން އެމީހުންގެ ލޯބީގެ ބައްދަލުވުންތައް ބާއްވަމުންނެވެ.
މިގޮތަށް ދުވަސްތަކެއް ވަމުން ދަނިކޮށް އެއްރެޔަކު ބައްދަލު ވުމަށް ދަލޭކަ ގަޑިކީ އެދެމީހުން އެންމެ ގިނައިން ބައްދަލުކޮށް އުޅޭ "އާއްލާ ދިހެރެ"ޔަށެވެ.
އެރޭގެ އިޝާ ނަމާދަށް ފަހުން ގައްދޫ މީހާ ދަލޭކަ އާ ބައްދަލު ކުރަން އެތަނަށް ދިޔައިރު އެހެން ރޭތަކަށްވުރެ މާކުރިން ދަލޭކަ ހުރީ ނަލަ ހެދިލައިގެން ބައްދަލުކުރަން ގޮހެވެ. ދެމީހުންގެ ބައްދަލު ކުރުމުގައި އެހެން ރޭތަކުގައި ވެސް ލޯބިން ކޮށްއުޅޭ ކަންތައްތައް ކުރަމުން ކުރަމުން ގޮސް އެންމެ ފަހުން ހުރިހާ ކަމެއް ނިމުނުއިރެ ގައްދޫ މީހާއަށް އެއީ ދަލޭކަ ނޫން ކަން ޝައްކު ކުރެވިގެން ބިރުގަންނަން ފަށައިފިއެވެ.
ގައްދޫ މީހާ ތިމަންނާ ދެން ދަނީއޭ ބުނެފައި ބާރަކަށް ހިނގައިގަތުމުން ދަލޭކަ ގޮތަށް ބަދަލުވެގެން އެތަނަށް ގޮސްހުރި ޖިންނި ގައްދޫ މީހާ އަށް ހަމަލާ ދިނުމުގެ ގޮތުން ނަގައި ބިންމަށްޗަށް ޖެހީއެވެ.
ގައްދޫ މީހާ ދިރިއުޅޭ ގޭގެ މީހުން އޭނާ ނިދަން ނައިސްގެން ހަބަރެއް ނުވެގެން ރަށު ރައްޔިތުންގެ އެހީގައި އޭނާ ހޯދުމަށް ފުޅި ބައްތި ހިފައިގެން މުޅި ރަށުތެރެ ހޯދަމުން ދަނިކޮށް ފެނުނީ "އާއްލާ ދިހެރޭ"ގައި ހަބަރު ހުސްވެ ވެއްޓިފައި އޮތްވައެވެ.
ގެޔަށް ގެނެސް ކިޔެވެލި ކިޔައިވައި އެތަށް ކަމެއް ކޮއްގެން މީނާއަށް ހޭލެވިއްޖެ ދެން އެރޭގެ ކަންހިގިގޮތް ފަންޑިތަވެރިޔާ އަށް އޭނާ ކިޔައިދިނެވެ. އެވަގުތު އެތާ ދަލޭކަވެސް އިނެއެވެ.
ޖެހިގެން އައި ރޭ މީނާ ހަބަރު ހުސްވެ ގަދަޔަށް ހުން އައިސް ގެން ގދ. ވާދޫގައި ހުންނަ ފަންޑިތަ ވެރިޔެއް ކައިރިއަށް ފަންޑިތަ ހަދަން ރަށުން ފުރައިގެން ދަނިކޮށް "ދެއްވަވިލިގަލާ" ކިޔާ ފަޅު ރަށަކާ އަރައި ހަމަވި ތަނުން އެމީހާ މި ދުނިޔެއަށް ލާން ހަމަ ޖެހިފައިވާ އެންމެ ފަހުނޭވާ ލައި ނިމުނީއެވެ.
އެމީހާ ވަޅު ލެވުނީ ދެއްވަ ވިލިގަނލާގައެވެ. އަދިވެސް އެރަށުގައި އެމާހަނަ ހުންނަ ކަމަށް ސަމަދުބެ ބުނެއެވެ.
(މިފަދަ ހާދިސާތަކަކީ ހަމައެކަނި ވާހަކައެއް ކަމަށް ނުދެކޭށެވެ. މިއީ އިބްރަތްތަކެވެ. ރޭގަނޑަކަސް ކަނު އަނދިރިއަކަސް ފަޅުތަނަކަސް، އެހެން އެއްވެސް މީހަކު ނެތަސް އެތަނުގައި ކުރާ ފާފަ ފޮރުވިފައި ނޯންނާނެކަން ދަންނާށެވެ. އޭގެ އުގޫބާތް ދުނިޔެ މަތީގައިވެސް ލިބިދާނެ ކަން ދަންނަން ވާނެއެވެ. މީގައި ނިމިދިޔަ ޒުވާނާ އެތަނަށް އެކަހެރިވެލުމަކަށް އެރޭ ދިޔައީ އޭގެ ކުރިންވެސް އެތައް ރެއަކު އޭނާ ތަކުރާރުކޮށް ކުރަމުން ދިޔަ ކަމަކަށްވާތީއެވެ، އޭނާއަށް އެކަން ހުއްޓައިލާން ވަގުތުވެސް ލިބުނެވެ. އެރޭ އޭނާ އެތަނަށް އެދިޔައީ ރޫހާނީ އެއްޗަކު އެތަނުގައި އޭނާ ކުރާ ކަންތައް ފެނި އޭނާއާ އަޅައިގެން ގޮސް އޭނާއަށް ދައުވަތު ދިނުމުނެނެވެ..
ފާހަގަކޮށްލަން ބޭނުންވާ ކަމަކީ އެތަނަށް އޭނަ ޒުވާން އަންހެނުން ގޮވައިގެން ގޮސް އެއަމަލު ނުހިންގާނަމަ އެ ޖިންނި އަަކަށް ދަލޭކައިގެ ސިފައިގައި އެ ޒުވާނާ ހައްލައިލާކަށް ނާދެވުނީހެވެ، އަދި ދެންވެސް އޭނަ އެތަނަށް ގޮސް ޖާއިޒުނޫން ގުޅުމެއް އޭނަގެ އެއްވެސް ހައްގެއް ނެތް ހަލާލުނޫން މީހަކާ އެކީގައި ހިންގީއެވެ.
އެހެންކަމުން މިފަދަ ﷲތައާލާ ނަހީ ކުރައްވާފައިވާ ބޮޑެތި ފާފަތަކަށް އަރައިނުގަންނާށެވެ. ﷲގެ ކޯފާއަށް، ބިރުވެތިވާށެވެ.)

