ވިޔަފާރި އަދި އުފެއްދުންތެރިކަމާ ގުޅޭ މައުރަޒެއް ބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެފަދަ މައުރަޒެއް ބާއްވަން ރައީސް ނިންމެވީ އެމަނިކުފާނުގެ ކެބިނެޓުން އެކަން ކުރަން ހުށަހެޅުމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މައުރަޒު ބާއްވާނީ މެއި، 2025، ގައި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
“ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަގްސަދުގައި، ވިޔަފާރި އާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް ބާއްވާ މައުރަޒު، “ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު” ގެ ނަމުގައި ބޭއްވުމަށާއި އަދި މި މައުރަޒު 2025 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ބޭއްވެވުމަށް ވަނީ ނިންމަވާފަ،” ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އުފެއްދުންތެރިކަމުުގެ މައުރަޒު ބާއްވަނީ އެކި ދާއިރާތަކުން ވާދަ ކުރެވޭ ގޮތަށް ކަމަށެވެ. އެގޮތުން ހަތަރު ދާއިރާއެއް ވެސް ރައީސް އޮފީހުން ވަނީ ކަނޑައަޅައިފަ އެވެ. އެއީ ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި އެންޓަޓެއިންމަންޓް ޑިސްޓްރިކްޓް އަދި މާކެޓް ޕްލޭސް ޑިސްޓްރިކްޓް އެވެ.
އެ މައުރަޒުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސް ހަވާލު ކުރެއވީ މިނިސްޓްރީ އޮފް އިކޮނިމްއާ އެވެ. އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ވެސް އެ މަސައްކަތުގައި އުޅޭނެ އެވެ.

