މަގުމަތިން ދިމާވާ މީހުންނާ އެކިކަހަލަ ވާހަކަ ދައްކައިގެން އެޕާޓްމަންޓަކަށް ގެންގޮސް އެމީހުން ފޭރޭ އަންހެނުންތަކެއްގެ މައްސަލަ ފެންމަތިވެއްޖެ އެވެ.
ދޮށީ އުމުރުގެ ފިރިހެނުންނަށް ސީދާ އަމާޒުކޮށްގެން ޅަޒުވާން އަންހެނުން އެމީހުންނާ ދިމާކޮށް ވާހަކަ ދަައްކައިހެން މަޅީގައި ޖައްސަނީއެވެ. އަދި އެގޮތަށް މި އަންހެނުންގެ މަޅީގައި ޖެހޭ މީހާ ގޮވައިގެން އެކަމަށް އެމީހުން ހަމަޖައްސާފައިވާ އެޕާޓްމަންޓުގެ ކޮޓަރިއަށް ގެންދަނީއެވެ. އަދި އެތެރެއަށް ވައްދައި ދޮރު ތަޅުލުމާއެކު އެމީހާ އަންނައުނު ބާލުވައި ވީޑިޔޯކުރުމަށްފަހު އެވީޑިޔޯ ލީކް ކޮށްލާނެ ކަމުގެ ބިރު ދައްކައިގެން އެމީހާ ލޫޓުވަނީއެވެ. އެކަމުގައި ބައިވެރިވެ އެހީވަނީ ކުރިއްސުރެ ކޮޓަރި ތެރޭގައި ތަޅުލައިގެން ފިލާ ތިބޭ ދެފިރިހެނެކެވެ.
ފުލުހުން ބުނީ މިކަން ހިނގަމުން އަންނަކަމަށް މައުލޫމާތު ލިބެނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރެއްގައި ކަމަށެވެ. މިމައްސަލަ ތަހުގީގު ކުރަމުން ދާއިރު ހައްދައިގެން މީހުން ގެންދަނީ ދެވަނަ ފިޔަވަހީގެ އެޕާޓްމެންޓަކަށް ކަމަށްވެސް ފުލުހުން ބުނެ އެވެ. މިކަމުގެ ރިޕޯޓް ހުށަހަޅާފައިވުމާއެކު، ތަހުގީގު ފަށާފައިވީ ނަމަވެސް ކަމާ ގުޅުންހުރި އެއްވެސް އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެހެނެއްކަމަކު ފުލުހުން ވަނީ ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން ތަންތަނަށް ދާން އެދުނުނަމަވެސް ނުދާން އިލްތިމާސްކޮށްފަ އެވެ.
ހިޔާގައި ދިރިއުޅޭ ބައެއް މީހުން ވަނީ އެތަނުގައި ފޭރޭ އަންހެނުންތަކެއް އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާކަމަށް ބުނެފައި ވީ ނަމަވެސް އެ އަންހެނުންނާ ގުޅޭ މާ ބޮޑު ތަފްސީލެއް އެނގިފައެއް ނުވެއެވެ.
މިފަދަ ހާދިސާތަކަކީ ވަރަށް ކުރިއްސުރެ ހިނގަމުން އަންނަ ކަންކަމެވެ. އެހެންނަމަވެސް މީގައި ކޮންމެވެސް ސަބަބުތަކެއް އޮންނާތީ އަދި ޖެހިލުންވެ ބިރުގަންނާތީ މިފަދަ މައްސަލަތައް ފުލުހުންނާ ހަމައަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

