މި ފެށޭ ދިރާސީ އައު އަހަރުގައި ރާއްޖޭގެ ސްކޫލްތަކުގައި ގައުމިއްތު ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ މި ފެށޭ ދިރާސީ އާ އަހަރުގެ ކިޔެވުމާއިއެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭން ފަށާނެ ކަމަށާއި މާއްދާ ކިޔަވައިދޭން ފަށަނީ ސަރުކާރުގެ ސްކޫލްތަކުގައި ކަމަށެވެ.
އެ މިނިސްޓްރީއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ގައުމިއްޔަތު މާއްދާ އެންމެ ފުރަތަމަ ކިޔަވައިދޭން ފަށާނީ ގްރޭޑް 4ގެ ދަރިވަރުންނަށެވެ.
ގައުމިއްޔަތު ކިޔަވައި ދިނުމަށް ތައްޔާރުވުމުގެ ގޮތުން މި އަހަރުގެ ކުރީ ކޮޅު ރާއްޖޭގެ 11 ސްކޫލެއްގައި ވަނީ ޕައިލެޓް ޕްރޮރްގާމްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރާއްޖޭގެ ސުކޫލުތަކުގައި، ދަރިވަރުންނަށް ވަކި މާއްދާއެއް ގައުމިއްޔަތު ކިޔަވައިދިނުމަކީ ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅެކެވެ.
ގައުމިއްޔަތު މާއްދާ ކިޔަވައިދިނުމުގެ ބޭނުމަކީ ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާ ކުރުމަށް ދިވެހި ގައުމިއްޔަތު ދިރުވައި އާލާ ކުރުމެވެ. އަދި މިއީ ސަރުކާރުން މި މާއްދާ ދަރިވަރުންނަށް ކިޔަވައިދޭ ހަގީގީ މަގުސަދުވެސް މެއެވެ.
އަންނަ އާދީއްތަ ދުވަހު ކުރިއަށް އޮތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

