ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭ ސަރަހައްދަށް ކަނޑުތައް ވަރަށް ބޮޑަށް ގަދަވެ، ވައިބާރުވެ ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.
ކުރިއަށް އޮތް ތިން ދުވަހުވެސް، އުތުރާއި މެދު ރާއްޖެ ތެރޭ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަަމަށް މެޓުން ވަނީ ބުނެފައެވެ. އަދި މިއީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކަމަށްވެސް މޫސުމާބެހޭ އިދާރާ، މެޓުން ވަނީ ބުނެފައެވެ.
އާންމު ގޮތެއްގައި ގަޑިއަކު ފަނަރަ މޭލާއި ފަންސަވީސް މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިގަދަވެ، ކަނޑުތައް ގަދަވެ، ދިޔަވަރުބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަަކަށް އާދައިގެ ވަރަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ގަދަވަޔާއިއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރަައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް މެޓުން ވަނީ އެދިފައެވެ.

