ކެނެޑާގެ އެންމެ ހުޅަނގުޕްރޮވިންސް ކަމަށްވާ ބްރިޓިޝް ކޮލަމްބިއާ (ބީސީ) ގައި ބޮޑު އަލިފާންގަނޑެއް އަނދަމުންދާކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ދިނުމާއެކު އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ގޮސްފައި ވެއެވެ.
މިދިޔަ ހަފްތާ އާދީއްތަ ދުވަހުގެ ރޭ ސޯޟަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއެއްގައި ބީސީ ވައިލްޑްފަޔަރ ސަރވިސްގެ ކްލިފް ޗެޕްމަން ބުނީ ފޯޓް ނެލްސަން އަވަށުގެ ހުޅަނގުން ހުކުރު ދުވަހު ފެށި އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރިފައިވާކަމަށެވެ.
ގާތްގަނޑަކަށް 3،000 މީހުންގެ ކުޑަ ކޮމިއުނިޓީއެއް ކަމަށްވާ ފޯޓް ނެލްސަން އަކީ ބީސީގެ އިރުއުތުރުގައި އޮންނަ ވެންކޫވާގެ އުތުރުން 1،600 ކިލޯމީޓަރު (995 މޭލު) ދުރުގައި އޮންނަ ސަރަހައްދެކެވެ.
"ހަފުތާ ބަންދުގައި ޕްރޮވިންސްގެ އިރު އުތުރުގައި އަލިފާނުގެ ހާދިސާތައް ވަރަށް ބޮޑަށް އިތުރުވި،" ވީޑިއޯގައި ޗެޕްމަން ބުނެފައިވެ އެވެ.
ހޯމަ ދުވަހުގެ އިރުއޮއްސުނުއިރު އަލިފާންގަނޑު 5،280 ހެކްޓަރު (13،500 އޭކަރު) އަށް ފެތުރިފައިވާއިރު، އަލިފާން ގަނޑު ހުރީ ފޯޓް ނެލްސަންގެ ހުޅަނގުން 2.5 ކިލޯމީޓަރު (1.5 މޭލު) ދުރުގައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
2023 ވަނަ އަހަރު ކެނެޑާގެ ޕްރޮވިންސްތަކުގައި އެތައް ފަހަރަކު އަލިފާން ރޯވެފައިވެއެވެ.
އަލިފާނުގެ ހާދިސާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ގޮސްފައިވެއެވެ. އަދި އެމެރިކާ އާއި ޔޫރަޕަށް ވެސް ދުމުގެ އަސަރު ތަކެއް ވަނީ ކޮށްފަ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މިހާ ގިނައިން އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވަނީ މޫސުމީ ކާރިސާތަކުގެ ސަބަބުންނާއި ހޫނުގަދަވެގެންނާއި ގުގުރައި ވިދުމުގެ ސަބަބުންނެވެ.
ހޫނުވުމުގެ ސަބަބުން ޖަންގަލީގައި ހުންނަ ގަސްގަހާގެހީގައި ހުންނަ ތެތްކަން ހިކިގެން ދެއެވެ. މީގެ ސަބަބުން އަލިފާން ރޯވެ އަލިފާންގަނޑު ފެތުރުމަށް ފަސޭހަވުމާއެކު އަލިފާން ނިއްވަން އުނދަގޫވުމުގެ ސަބަބުން އަލިފާނުގެ ހާދިސާތައް އިތުރުވެގެން ދެއެވެ.
ބީސީގެ އިރުއުތުރުގައި އޮންނަ ފޯޓް ނެލްސަން އާއި ކައިރީގައި އޮންނަ ފޯޓް ނެލްސަން ފަސްޓް ނޭޝަން ދޫކޮށް ދާން ރައްޔިތުންނަށްވަަނީ އަންގައިފައެވެ.
ނޮދަން ރޮކީޒް ރީޖަނަލް މުނިސިޕަލްޓީގެ މޭޔަރު ރޮބް ފްރޭޒާ ބުނީ ގާތްގަނޑަކަށް 3،500 އެއްހާ މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް ބައެއް މީހުން އެހިސާބުގައި މަޑުކޮށްގެން ތިބި ކަމަށް މީޑިއާތަކުން ބުނެއެވެ.
ފޯޓް ނެލްސަން ފަސްޓް ނޭޝަންގެ ޗީފް ޝަރުލީން ގޭލް މިދިޔަ ހަފްތާގައި ނެރެފައިވާ ބަޔާނެއްގައި ބުނީ މިއީ ނުރައްކާތެރި ހާލަތެއް ކަމަށެވެ. ފުރާނައަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި އަމިއްލަ ސަލާމަތަށްޓަކައި ވަގުތުން ސަރަހައްދު ދޫކޮށް ދިއުމަކީ މި ހާލަތުގައި ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް އެ ސަރަހައްދު ހުސްކުރުމަށް އޭނާ އިލްތިމާސްކޮށްފައިވެއެވެ.
ބީސީ ވައިލްޑްފަޔަރ ސަރވިސްގެ ޗެޕްމަން ވެސް ވަނީ މިދިޔަ ހަފްތާ ހޯމަ ދުވަހުގެ ހެނދުނު ގަޑިއަކު ގާތްގަނޑަކަށް 25 ކިލޯމީޓަރު (ގަޑިއަކު 15 މޭލު) ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އަލިފާންގަނޑު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

