ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާގައި ހުންނަ އަލް އަވްދާ ހޮސްޕިޓަލް ވަށާލައިގެން އިސްރާއީލު ސިފައިން ތިބުމުގެ ސަބަބުން ޒަހަމްވި މީހުންނާއި ބަލިމީހުންނަށް ފަރުވާ ދިނުމަށް ހުރަސް އެޅިފައިވާ ކަމަށް އެ ގައުމުގެ ނޫސް އެޖެންސީއިން ބުނެފިއެވެ.
އެ އެޖެންސީއިން ބުނި ގޮތުގައި އިސްރާއީލުން އެ ހޮސްޕިޓަލް ވަށާލުމުގެ ކުރިން އެ ތަނަށް ބޮން އެޅުމުގެ ސަބަބުން އާންމުންނާއި މެޑިކަލް ޓީމްތަކަށް ވަނުމަށާއި ނުކުތުމަށް އުދަނގޫވެ ފަރުވާއަށް ހުރަސް އެޅިފައިވާ ކަމަށެވެ.
ނޫސް ރިޕޯޓްތައް ބުނާ ގޮތުން އަލް އަވްދާ ހޮސްޕިޓަލްގެ ވަށައިގެންވާ ސަރަހައްދުތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.
މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ސިޓީ އާއި އެ ސިޓީގެ ރެފިއުޖީ ކޭމްޕަށް ބާރުގަދަ ހަމަލާތަކެއް ދީފައި މިވަނީ އެ ސަރަހައްދު ހުސްކޮށް ޣައްޒާ ސިޓީގެ ހުޅަނގަށް ހިޖުރަކުރުމަށް އާންމުންނަށް އެންގުމަށް ފަހުގައެވެ.
މި ހަމަލާތައް ފެށުނީއްސުރެ އިސްރާއީލު ސިފައިން ވަނީ އުތުރުގެ އަލް އަވްދާ ހޮސްޕިޓަލް ހިމެނޭ ގޮތަށް ޣައްޒާގެ އެކި ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް ހަމަލާދީ ސިއްހީ ނިޒާމަށް ހުރަސް އަޅާފައެވެ.
އެގޮތުން ހޮސްޕިޓަލްތައް ބަންދުކުރާނެ ކަމުގެ އިންޒާރު އެތައް ފަހަރަކު ދީފައިވެއެވެ. މީގެ އިތުރުން ބޮން ގޮއްވާލުމުގެ ސަބަބުން ހައުސިން ޑިޕާޓްމަންޓްތަކާއި، އޮޕަރޭޓިން ރޫމްތަކާއި، ސޯލާ އެނާޖީ ސިސްޓަމާއި، ފެނާއި ޑީސަލް ފިހާރަތަކާއި، ބޭހާއި މެޑިކަލް ގޭސް ގުދަންތަކާއި، ޓްރާންސްޕޯޓް ވެހިކަލްތަކާއި އެމްބިއުލާންސްތައް ހަލާކުވެ، އެތަކެއް މެޑިކަލް ސާމާނު ތަކެއް ވަނީ ހަލާކުވެފަ އެވެ.
އަލް އަވްދާ ހޮސްޕިޓަލަކީ ޣައްޒާގެ އުތުރުގައި ހުންނަ ކަށީގެ، ގައިނަކޮލޮޖިކަލް އަދި އޮބްސްޓެޓްރިކްސްގެ ހިދުމަތުގެ އިތުރުން ޖެނެރަލް ސާޖަރީ، އިމަޖެންސީ ކެއާ، ސްޕެޝަލައިޒްޑް ކްލިނިކް، ރޭޑިއޮލޮޖީ އަދި ލެބޯޓްރީގެ ހިދުމަތް ދޭ ހަމައެކަނި ފެސިލިޓީ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބަޑީގެ ހަމަލާތަކުގައި ތިން ޑޮކްޓަރުން މަރުވެ ހޮސްޕިޓަލުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަނީ 50 ޕަސެންޓް ދަށްވެފަ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލް ވަށާލިތާ 18 ދުވަހުގެ މުއްދަތުގައި ތިން މަސައްކަތްތެރިން މަރުވެ، 12 މެޑިކަލް ސްޓާފުން ވަނީ ޒަހަމްވެފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ އަހުމަދު މުހަނާ އާއި ތިން މެޑިކަލް ސްޓާފުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި މިހާރު ވެސް ޝަރީއަތް ހިނގަމުން އަންނައިރު އިސްރާއީލުން ވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އެތައް ތަނަކަށް ގެއްލުންދީ އެތަކެއް ރައްޔިތުންނެއް މަރާލާފައެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގައި ފަލަސްތީނުގެ 35،456 މީހުން ޝަހީދުވެ، 79،476 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
މީގެ އިތުރުން، 7،000 އެއްހާ މީހުން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި މަރުވެފައިވާ ކަމަށް ބެލެވެއެވެ.
ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނާ ގޮތުގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އުތުރުގައި ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ބަނޑަށް ޖެހިފައިވެއެވެ.
އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް ދެ މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ގެއްލި، މިޞްރުގެ ބޯޑަރު ކައިރީގައި އޮންނަ ދެކުނުގެ ރަފާހް ސިޓީގައި ހިޔާވަހިކަން ހޯދަމުންދެއެވެ.

