މިއަދު ހަވީރު އއ ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް އެ ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ މުވައްޒަފުންތަކެއް އެކުދިން ސަލާމަތްކޮށްދީފި އެވެ.
ސްޓެލްކޯއިން އެކްސް.ކޮމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، މިއަދު ހަވީރު ކޮޅިގަނޑެއް އައި ވަގުތު އއ. ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް އެ ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް، އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެވަގުތު އެ ސަރަޙައްދުގައި ތިބި އެ ކުންފުނީގެ ހިތްވަރުގަދަ މުވައްޒަފުން ޙަރަކާތްތެރިވެފައިވާ ކަމުގައެވެ.

ފޮޓޯ: ސްޓެލްކޯ
އަދި ހަމަ އެއާއިއެކު، ކޮޅިގަނޑުގެ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެރުމާއި ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށްވެސް ސްޓެލްކޯގެ ހީވާގި މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި އެ ކުންފުނީގެ މުވައްޒަފުން އަބަދުވެސް ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި، އިޚްލާސްތެރިކަމާއިއެކު ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބޭނޭ ކަމަށްވެސް އެޕޯސްޓުގައި ސްޓެލްކޯ އިން ބުނެފައިވެއެވެ.

