އާދެ! މިއީ ބައެއް މީހުން ދައްކަން ބޭނުން ނުވެދާނެ ވާހަކައެކެވެ. ސަބަބަކީ ގިނަބައެއްގެ ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުން މިއީ ނުކުރެވި އޮންނަ ކަމަކަށް ވާތީއެވެ. އާދަކާދައޭ މި ބުނާ ބަހުގެ މާނައަކީ ގިނަ އާއިލާތަކުގައި އެންމެންހެން އުޅެނީ ވަޒީފާ މާހައުލުގައެވެ. އެހެންވީމާ، އެންމެންނަށްވެސް ބުރަވާނެތާއެވެ. މިސަބަބާހެދި ގިނަމީހުންނަށް ވިސްނިފައި ނުވަތަ އާދަވެފައި އޮންނަނީ ގޭތެރެ ތަރުތީބުކޮށްލާ ރީތި ކުރުމަކީ މަހަކު އެއް ފަހަރު ނޫނީ ދެ ހަފުތާއިން އެއްފަހަރު އަދި ބައެއް ގޭތަކުގައި ރޯދަޔަށް ކުރާ ކަމެއްގެ ގޮތުގައެވެ.
މިހެން މިކަން އޮތް ނަމަވެސް ހަގީގަތުގައި ގޭތެރެ އަބަދުވެސް ރީތި ކޮށްފައި ބެހެއްޓުމަކީ ހީކުރާވަރަށްވުރެ ސަމާލުކަން ދޭން ޖެހޭ ކަމެކެވެ. ގޭތެރެ ސާފުކޮށް ހުރުމަކީ ގޭތެރޭގައި އުޅޭ އެންމެނަށްވެސް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. ގޭގެ ސިޓިންގް ރޫމް، ބަދިގެ، ކޮޓަރި އަދި ފާހާނާ ހިމެނޭހެން ހަފުތާއަކު ދެ ފަހަރު ސާފުކޮށްލަން ވާނެ އެވެ. ގިނަ އާއިލާތަކުގައި ކުޑަކުދިން އުޅޭތީވެ ސިޓިންގް ރޫމްތެރެ ތަރުތީބުކޮށް ބެހެއްޓުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް ކުދިންނަށްވެސް، ކުޅެ ނިމުމުން ކުޅޭ އެއްޗެހި ތަރުތީބުކޮށް ބަހައްޓަން ބުނެދީ ނަމޫނާ ދައްކައި އެކަން އެގޮތަށް ކުރަން އަބަދުވެސް ބާރު އަޅަން ވާނެ އެވެ.
ބަދިގޭގެ ސިންކު ތެރޭގައި ހަނޑިވެފައިވާ ތަށިތައް ނުދޮވެ ގިނައިރު ނުބަހައްޓާ ހުރެވޭތޯ ބަލަންވާނެ އެވެ. ފުރިޖު ތެރޭގައި ގިނަވާނީ ގިނަ ދުވަސްވެ އުކާލަންޖެހިފައި އެކަމަކު ވަގުތު ނުވުމުގެ ސަބަބުން ނުވަތަ ފަރުވާ ކުޑަ ވުމުގެ ސަބަބުން އަޅާނުލެވި، އުކާނުލެވި ހުންނަ އެއްޗިއްސެވެ. މިއީވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އެކަމަކު މިކަންތައް ކުރެވޭނީ މިކަންތަކަށް ސަމާލުކަން ދީގެން އެއީ ވެސް ރަނގަޅު އާދައެއް ނޫންކަން ތިބާ އަށް ވިސްނިގެންނެވެ.
ބައެއް މީހުންނަށް މިކަންކަން އޮންނަނީ ނުވިސްނިފައެވެ. ރޭގަނޑުގެ ކެއުމަށްފަހު ބަދިގެ ތެރޭގައިވާ ހަޑި އެއްޗެހި ދޮވެ ތަށިތައް ތަރުތީބު ކުރުމަކީ އަނެއް ދުވަހު ބަދިގެ ތެރެއަށްވަދެ ކުރަންޖެހޭ މަސަތްކަތްތަކަށް ލިބޭނެ ބޮޑު ފަސޭހައެކެވެ. ހަމަ އެހެންމެ ބަދިގެ ރީތިކޮށް ހުރުމުން ތިމާ އަމިއްލަ އަށް ވެސް އެ ހިތްހަމަޖެހުން އިހުސާސް ކުރެވޭނެ އެވެ. ފާހާނާ ވެސް އެންމެ މަދުވެގެން ހަފުތާއަކު ދެ ދުވަހު ދޮވުމަކީ އެންމެ ރަނގަޅު ގޮތެވެ. ފާހާނާ އަކީ ޖަރާސީމު އަވަހަށް އުފެދި ހަޑިވާ ތަނަކަށްވުމާ އެކީ އެތަން ސާފުކޮށް ބެހެއްޓުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެކެވެ.
ނިދާކޮޓަރި ތެރެ ވެސް ހަމަ އެފަދަ އެވެ. ކޮންމެ ދުވަހަކު ތަންމަތި އަޅާލައި ރީތިކޮށް ބެހެއްޓުމަކީ އާދައަކަށް ހަދައިފިނަމަ އެކަން އެގޮތަށް ދާއިމީގޮތެއްގައި ކުރެވޭނެއެވެ.
ކޮންމެ ދުވަހަކުވެސް ކުރަން ޖެހޭ ބައިވަރު ކަންކަން ހުންނާނެ އެވެ. ނުކުރެވި ހުންނަނީ ހަމަ އުޅެންޖެހޭލެއް ބުރަ ކަމުންނެވެ. މިއީ އެންމެނަށްވެސް ބުނެވޭނެ ވާހަކަ އެކެވެ. އެކަމަކު، ވަގުތު ލިބޭނީ ވެސް ވަގުތު ހޯދަން އުޅެގެންނެވެ. މިޒަމާނަކީ ވަރަށް ކެތްތެރި ވެގެން ނޫނީ ވަގުތު ނުލިބޭނެ ޒަމާނެކެވެ. ގިނަ މީހުންނަށް ވާ ގޮތަކީ ހުސް ވަގުތެއް ލިބޭ އިރަށް ގިނަ ފަހަރަށް ވަގުތު ހުސްކުރެވެނީ ޓީވީ އިން އަންނަ ކޮންމެވެސް ސީރީސް އަކަށް ނުވަތަ ފޯނުން ޓިކްޓޮކެއް ބަލާލުމަށެވެ.
ގޭތެރެ ސާފުތާހިރުކޮށް ބެހެއްޓުމަކީ ވަކި މީހެއްގެ ޒިންމާ އެއް ނޫނެވެ. އެންމެންގެ ވެސް ޒިންމާ އެކެވެ. އެންމެންގެ އެއްބާރުލުން ލިބޭނަމަ ކޮންމެ ދުވަހަކުވެސް މިކަންތައް ކުރެވި ގޭތެރެ ރީތިކޮށް ބެހެއްޓުމަކީ އުނދަގޫ ކަމެއް ނޫނެވެ.

