މާލޭ ސަރަހައްދު ހިމެނޭ ގޮތަށް މޫސުން ވަރަށް ގޯސް ވާނެ ކަމަށް ލަފާކޮށް، ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) މިހާރު ނެރެފައިވާ އޮރެންޖު އެލާޓުގެ ވަގުތަކީ މިއަދު ހެނދުނު 6:00 އިން 9:00 އެވެ.
މި އެލާޓުގެ ވަގުތުގައި ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ގަޑިއަކު 34 މޭލާއި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މިއަދު ބޯކޮށް ވާރޭވެހި، ވައިގަދަވެ، އަދި ކަނޑުތައް ވެސް ގަދަވެ، އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ އޮފީހުން ލަފާ ކުރާ ގޮތުގައި ރާޅުގެ އުސްމިން ހުންނާނީ 6 ފޫޓާއި 9 ފޫޓާ ދެމެދު އެވެ.
އިއްޔެ ވެސް އޮރެންޖު އެލާޓު ނެރެފައި ވާއިރު، މާލޭގެ އިތުރުން ބައެއް ރަށްރަށަށް ވައިގަދަވެ، ގަސްގަހާގެހި ވެއްޓިފައިވެ އެވެ.
އޮރެންޖު އެލާޓަކީ މޫސުން އިންތިހާއަށް ގޯސް ހާލަތެއްކަން އަންގައި އިންޒާރެކެވެ. އެ އެލާޓުން ބުނެދެނީ މޫސުމަށް ރައްކާތެރިވެ ތިބުމަށެވެ. އޮރެންޖު އެލާޓަށް ފަހު ދެން ނެރޭނީ ނުރައްކާތެރިކަން އަންގައި ދިނުމަށް ނެރޭ ރެޑް އެލާޓެވެ.

