މޫސުން ގޯސްވެ ފްލައިޓް ގަޑިތަކަށް އައިސްދާނެ ބަދަލަކަށް، ދަތުރުކުރާ ފަރާތްތަކުން ސަމާލު ވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް އިން އެދިއްޖެއެވެ.
މޫސުން މާބޮޑަށް ގޯސްވެއްޖެނަމަ، ފްލައިޓް ދަތުރުތަކަށް ބުރޫ އަރާފާނެ ޙާލަތެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. ފްލައިޓެއް ޑިލޭވެ ނުވަތަ ކެންސަލްވެދާނެ ޙާލަތަކަށް ބަލާ ދަތުރުކުރާ ފަރާތްތަކުން އެއާޕޯޓަށް ދިއުމުގެ ކުރިން، ގަޑިތަކަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. މީގެ އިތުރުން މޫސުން ގޯސްވެ ގަޑިއަށް އެއާޕޯޓާ ހަމައަށް ނާދެވިދާނެ ޙާލަތަކަށް ބަލާ، ވަގުތު އޮއްވާ ކުރިއާލާ ޗެކިން ކުރާ ގަޑިއަށް އެއާޕޯޓަށް ދިއުމަށްވެސް ވަނީ އިރުޝާދު ދީފައެވެ. އަދި ފެރީގައި އެއާޕޯޓަށް ދަތުރުކުރާ މީހުންވެސް މޫސުމަށް ސަމާލުވުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައާއި ބޭ އޮފް ބެންގާލްގައި މިހާރު އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ރާއްޖެ ހިމެނޭ ސަރަޙައްދުގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޚާއްސަކޮށް ވައިގެ ބާރުމިން ވަރަށް ބޮޑަށް ގަދަވެ، މުޅި ރާއްޖެ ހިމެނޭހެން ދަނީ ވިއްސާރަކުރަމުންނެވެ.
މެޓު އޮފީހުން ފަހުން ނެރުނު އޮރެންޖު އެލާޓުގައި ބުނެފައިވާ ގޮތުން ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ގަޑިއަކު 34 މޭލާއި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. އަދި މިއަދު ބޯކޮށް ވާރޭވެހި، ވައިގަދަވެ، އަދި ކަނޑުތައް ވެސް ގަދަވެ، އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގެ މޫސުން ކުރިއަށް އޮތް 3 ދުވަހުވެސް ވަރަށް ބޮޑަށް ގޯސްވާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. އިއްޔެ ވެސް އޮރެންޖު އެލާޓު ނެރެފައި ވާއިރު، މާލޭގެ އިތުރުން ބައެއް ރަށްރަށަށް ވައިގަދަވެ، ގަސްގަހާގެހި ވެއްޓިފައިވެ އެވެ.

