އިއްޔެ ނޫސްތަކުގެ ސުރުހީތަކުގައި އޮތީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ކުރިއަރާފައިވާ އެއް އެއާލައިން ކަމަށްވާ ސިންގަޕޫރު އެއާލައިނުގެ ބޮއިންގް 777 މަރުކާގެ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހިގެން މީހަކު މަރުވެ އެތައް ބަޔަކަށް އަނިޔާވި ވާހަކަ އެވެ. މި އާޓިކަލްގައި މި އަޅުވާލަނީ އެ ހާދިސާގެ މައްޗަށެވެ. މައުލޫމާތު ނަގާފައިވާނީ ޑެއިލީ މެއިލް ނޫހުންނެވެ.
ބޮއިންގް މަރުކާގެ ބޮޑު މަތިންދާބޯޓު އިނގިރޭސިވިލާތުގެ ހީތްރޯ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލީ ސިންގަޕޫރަށް ދިއުމަށެވެ. ބޯޓު ދަތުރު ކުރުމަށް އިން ރޫޓަކީ ވަކި ތަފާތު ރޫޓެއް ވެސް ނޫނެވެ. އާދައިގެ މަތިން ދުވާލެއްގެ މައްޗަށް އެތައް ފްލައިޓެއް 11،000 ވަރަކަށް މޭލުގެ ރާސްތާ ހިމެނޭ މި ރޫޓުން ދަތުރު ކުރެ އެވެ. މުޅިއެކު 211 ފަސިންޖަރުންނާއެކު ފުރި މި ބޯޓު އިންޑިއާ ފަސްކޮށް، ބޭ އޮފް ބެންގަލްއާ ހިސާބަށް އަރާ ހަމަވިއިރު ވެސް މޫސުމީ މައްސަލަތަކެއް ކުރިމަތިނުވެ އެވެ. އާދައިގެ މަތިން ފްލައިޓު ތަކުގައި މީހުން އުޅޭހެން ބައެއް ފަސިންޖަރުން ނިދާފައި ތިބި އިރު އަނެއްބަޔަކު ކެބިން ތެރޭގައި ސްޓްރެޗް ކޮށްލުމަށް ތިބީ ހިނގާލަ ހިނގާލަ އެވެ. ރިޕޯޓު ލިބޭގޮތުން ކޮޅިގަނޑުގައި ޖެހުނު ވަގުތު އެއް ފަސިންޖަރަކު އިނީ ފާހާނާ ތެރޭގަ އެވެ.
ވައިގެ ތެރޭގައި 11 ގަޑި އިރު ހޭދަކުރުމަށްފަހު އިނގިރޭސި ގަޑިން ހަވީރު 3:30 ހާއިރު ބޯޓު ކުއްލިއަކަށް ތަޅުވައިގަތެވެ. ނަމަވެސް، މީހުން ބިރުގަންނަ ވަރަކަށެއް ނޫނެވެ. އޭރު ބޯޓު އޮތީ މިއަންމާގެ ވައިގެ ސްޕޭސް ތެރޭގައެވެ. ބޯޓުން ދަތުރު ކުރި ބައެއް ފަސިންޖަރުން ބުނި ގޮތުގައި އެގަޑީ ބޯޓަށް ކޮންމެވެސް ވަރަކަށް ލޮޅުންތަކެއް އަންނަމުން ދިޔަ ކަމަށާއި ވިންޑޯ އިން ބޭރު ބަލާލުމުން ބޯޓު ދަތުރުކުރަމުން އައީ ބޮޑު ވިއްސާރަ ވިލާގަނޑެއްގެ ތެރެއިން ކަން އިނގޭ ކަމަށެވެ. އެހެންނަމަވެސް އޭރުވެސް ހިތުގައި އެއްވެސް ކަހަލަ ބިރުވެރި ކަމެއް ނުވަތަ ނުރައްކާ ވެދާނެ ކަމުގެ އެއްވެސް އިހުސާސެއް ނެތް ކަމަށް އެމީހުން ބުންޏެވެ.
މިޔަންމާގެ އެއާ ސްޕޭސް ތެރެއިން 38000 ފޫޓު މަތީގައި ދަތުރު ކުރަމުން އައި ބޯޓުގެ ފަސިންޖަރުން ޝޮކަކަށް ދުއްވާލަން ނެގީ މަދު ވަގުތު ކޮޅެކެވެ. ނޯމަލް ޓާބިއުލެންސް ސެޝަނެއް ކުއްލިއަކަށް ނުރައްކާތެރި ހާލަތަކަށް ބަދަލުވެގެންދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އާންމުގޮތެއްގައި ބޮޑު ކޮޅިގަނޑެއްގައި ޖެހިގެން ޓާބިއުލެންސާ ކުރިމަތިވާނަމަ ޕައިލެޓުން ގޮވާފައި ސީޓް ބެލްޓް އަޅައި ސަމާލުވުމަށް އަންގައެވެ. ނަމަވެސް، އިއްޔެ ހާލަތު ދިމާވީ މިހެންނެއް ނޫނެވެ. ކޮޅިގަނޑުގައި ޖެހި ބޯޓު ތަޅުވައިގަތީ އެއްވެސް ކަހަލަ ވޯނިންގް އެއް ނެތިއެވެ. އެއްބަޔަކު ސީޓް ބެލްޓް ނާޅައި ތިބިއިރު އަނެއްބަޔަކު ތިބީ ކެބިން ތެރޭ ކޮޅަށެވެ.

ކޮޅިގަނޑުގައި ޖެހި ކުރިމަތިވި ޓާބިއުލެންސާ ހެދި ބޯޓު 3 މިނެޓު ތެރޭ 7000 ފޫޓު ތިރިއަށް ވައްޓާލި ކަމަށްވެ އެވެ. މި ދޭތެރޭގައި އެތައް ފަހަރަކު ބޯޓު ބާރު ސްޕީޑުގައި ވެއްޓުނު އިރު ޓާބިއުލެންސް އައީ ވޯނިންގްއަކާ ނުލައި ކަމުން އެގަޑީ ބެލްޓް ނާޅައި ތިބި މީހުން ބާރު ސްޕީޑެއްގައި މަތީ ސީލިންގުގަ ޖެހި އެކި ވަރުގެ އަނިޔާތައް ލިބުނެވެ. ބައެއް މީހުން ވިއްސައިގެން ގޮސް މަތީ ކެބިންގައި ޖެހި ކެބިންތައް ފަޅައިގެން ގޮސް ލަގެޖުތައް ބުރައިގެން ދިޔައީ މީހުންގެ ގަޔަށެވެ. މީހުންގެ ފަޔާއި އަތް ބިންދައިގެން ދިޔައިރު ނޭފަތާއި ބޯ ފަޅައިގެން ދިޔަ މީހުންވެސް ތިއްބެވެ. ގިނަ ބަޔަކަށް އަނިޔާވީ، ޓާބިއުލަންސްގެ ތެރޭގައި އެ ބޯޓުގެ މަތީގައި ހަރުކޮށްފައިވާ ޕެނަލްތަކާއި އޮކްސިޖަން މާސްކުތަކާއި، ލަގެޖުތައް ވެއްޓި ބޮލުގައި ޖެހިގެންނެވެ. މުޅި ފްލައިޓު ތެރެ ހީވަނީ ވާ ޒޯނެއް ހެންނެވެ. ސީޓުތަކާއި ކެބިންތައް ފަޅައިގެންދިޔުމުގެ އިތުރުން މީހުން ވިއްސައިގެން ގޮސް ޖެހިގެން ބޯޓުގެ އެކި ހިސާބުގެ ސީލިންގު ވެސް ފަޅައިގެން ދިޔައެވެ.
ޓާބިއުލެންސާ ހަނގުރާމަ ކުރުމަށްފަހު ބޯޓުގެ ކޮންޓްރޯލް ޕައިލެޓުންނަށް ލިބި، ކެބިންގެ ހާލަތު އެނގުމުން ވަގުތުން އެމަޖެންސީގައި، އެންމެ ގާތުގައި އޮތް ބެންކޮކް އެއާޕޯޓަށް ޖައްސަން ބޯޓު ވަނީ އަނބުރާލާފައެވެ. އެމަޖެންސީގައި ބޯޓު އައިސް ޖެއްސިއިރު 10 އެމްބިއުލާންސްގެ ކޮންވޯއެއް އެލާޓުގައި އޮތް އިރު މުޅި އެއާޕޯޓު ވެސް އެގަޑީ އޮތީ އެލާޓުގައެވެ. ބެންކޮކު އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު އެ މަންޒަރުތައް ސިފަކުރެއްވީ ބިރުވެރި އަދި ޕެނިކުން ފުރިފައިވާ ހާލަތެއް ގޮތުގައެވެ.
" މުޅި އެއާޕޯޓު އޮތީ އެލާޓުގަ. ބޯޓުން ފޭބިއިރު ވެސް ދެބައިކުޅަ އެއްބައި ފަސިންޖަރުން ތިބީ ޝޮކުގަ. 70 މީހަކަށް އެކިވަރުގެ އަނިޔާ ލިބުނު އިރު ހަ މީހެއްގެ ހާލު ސީރިއަސް. އަހަރެމެން އަވަސް ވެގަތީ އަވަސް ފަރުވާ ދޭން ޖެހޭ މީހުންނަށް އެހީވުމަށް. އިއްޔެ އެއީ ބިރުވެރި ދުވެހެކޭ ބުނެވޭނީ. ޕެނިކް އަދި މުޅިން ކެއޮސް ހާލަތެއް،" އިއްޔެގެ ހާލަތު ކިޔައިދެމުން އެއާޕޯޓު މެނޭޖަރު ބުންޏެވެ.
" ޓާބިއުލެންސް ޖެހުމުގެ ކުރިން އޭގެ އެއްވެސް ނިޝާނެއް ކުރިމަތި ނުވޭ. ނޯމަލް ފްލައިޓް އަކުން ނުރައްކާތެރި ޓާބިއުލެންސަކާ ޖެހުނީ ހަމަ ކުއްލިއަކަށޭ ބުނެވޭނީ. ބޯޓު ނުވެސް ތަޅުވާ. ސީޓް ބެލްޓް އޮން ކުރަން ސިގްނަލް ވެސް ދީފައެއް ނުވޭ، އެއްވެސް މައްސަލައެއް ނެތި ދަނިކޮށް އަނެއް ސިކުންތުގަ އަހަރެން އޮތީ ވިއްސައިގެން ގޮސް ހަތަރު ފޫޓު ދުރު،" ބޯޓުން ދަތުރު ކުރި ފަސިންޖަރަކު ބުނެފައިވެ އެވެ.
" އަހަރެން ހިއެއް ނުކުރަން ސަލާމަތްވާނެ ކަމަކަށް. މިއީ ނިމުން ކަމަށް ބެލީ. ކޮޅިގަނޑަށްފަހު ވެސް ގަބޫލެއް ނުކުރެވުނު ރައްކާތެރިކަމާއެކީ ބޯޓު ޖައްސާނެއެކޭ. އާއިލާ މީހުންނަށް މެސެޖު ކޮށް އަލްވަދާއުވެސް ކީން،" އެހެން ފަސިންޖަރަކު ބުނެފައިވެއެވެ.

މި ހާދިސާގައި އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބުނު އެކަކު ވަނީ މަރުވެފައެވެ. މަރުވީ 73 އަހަރުގެ ފިރިހެނެކެވެ. ރިޕޯޓުތައް ބުނާގޮތުން އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ބޯޓުގެ ތެރޭގައި ކްރޫ އިންނާއި، މެޑިކަލް ޓްރެއިނިން ލިބިފައި ހުރި މީހުން އޭނާ އަށް ސީޕީއާރުދީ ސަލާމަތްކުރަން މަސަތްކަތްކުރި ކަމަށްވެ އެވެ.
މިފަދަ ހާލަތެއް ކުރިމަތިވިއިރު ފަސިންޖަރުން ބެލްޓް ނާޅައި އަދި ކެބިން ތެރޭގައި ކޮޅަށް ތިބީ ކީއްވެގެންތޯއާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނައިރު ސިންގަޕޫރު އެއާލައިނުން ބުނެފައިވަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރާނެ ކަމުގައެވެ. މީގެ އިތުރުން ތަހުގީގަށް ޓީމެއް ބެންކޮކަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޓާބިއުލަންސާ ހެދި ނުރައްކާތެރި ހާދިސާތައް ހިނގުމަކީ އެހާ އާންމުކަމެއް ނޫނެވެ. އާންމުގޮތެއްގައި ޓާބިއުލަންސަކީ ނުރައްކާތެރި ކަމަކަށް ނުވެ އެވެ. އެހެނީ ޒަމާނީ ބޯޓުތައް ތައްޔާރުކޮށްފައި ހުންނަނީ ޓާބިއުލަންސް ހޭންޑަލް ކުރެވޭ ގޮތަށެވެ. ތަންޑަ ސްޓޯމްސް ފަދަ ސިވިއާ އައިސް އެންޑް ޓާބިއުލަންސް ކުރިމަތިވާ ވައްތަރުގެ ވިލާތައް ނެވިގޭޝަން ޑިސްޕްލޭ އިން ޕައިލެޓުންނަށް ފެންނަން ހުރެ އެވެ. އެހެންކަމުން މިފަދަ ކޮޅިގަނޑުތަކާއި ވިލާތަކާއި ދުރުން ނެވިގޭޓް ކުރެވޭތޯ ޕައިލެޓުން އަބަދުވެސް ބަލައެވެ. ނަމަވެސް، މިފަދަ ބައެއް ވިލާތަކަކީ 50 ނޯޓިކަލް މެއިލް އަށް ސްޓްރެޗް ވެފައި ހުންނަ ކޮޅިގަނޑުތަކަކަށް ވުމުން މުޅިންހެން ސާކަމްނެވިގޭޓް ކުރުމަކީ އެއީ ކޮންމެ ފަހަރަކު ކުރެވޭނެ ކަމެއް ނޫނެވެ. މިފަދަ ހާލަތްތަކުގައި ވެސް އަދި ކުރިން ބުނިފަދަ ހާލަތްތަކުގައި ވެސް ޕްރިކޯޝަނެއްގެ ގޮތުން ސީޓް ބެލްޓް އެޅުމަށް ޕައިލެޓުން އަބަދުވެސް ސިގްނަލް ދެއެވެ.

