މާލެއާއި ހުޅުމާލެ ދެމެދު ދަތުރު ކުރާ ފެރީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައި ވަނީ ގްރޭޓަރ މާލެ ސަރަހައްދުގެ ފެރީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށާއި އެގޮތަށް ހިދުމަތް މެދުކަނޑާލަން ޖެހުނީ، ހުޅަނގު މޫސުމުގެ މި ދުވަސްތަކުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ކަމަށެވެ. އަދި ފެރީގެ ހިދުމަތްތައް އަލުން ދޭން ފަށާނެ ގަޑި އެއް ބުނަން އަދި ދަތިކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
މިއަދު ހެނދުނު މޫސުން ގޯސްވެގެން މެދުރާއްޖެތެރޭގެ ބައެއް ސަރަހައްދުތަކަށް ނެރުނު އޮރެންޖު އިންޒާރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިތުރަށް ދަމަހައްޓާފައެވެ. މާލެސަރަހައްދުވެސް ހިމެނޭގޮތަށް މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް އޮރެންޖު އިންޒާރު ވަނީ މިހާތަނަށް ހަތަރު ފަހަރު މިވަނީ ނެރެފައެވެ.
މެޓުން ނެރުނު އޮރެންޖު އިންޒާރުގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަހު އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި މި ދުވަސްތަކުގައި، މިހާލަތުގައި ކޮންމެހެން ނުކޮށް ނުވާވަރުގެ މަޖްބޫރު ހާލަތެއްގައި ނޫނީ ކަނޑުދަތުރު ނުކުރުމަށް ތަކުރާރުކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާ ބެހޭ އިދާރާއިން ކުރިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު، އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ އެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެއެވެ.

