ވިލިމާލޭގައި ގާއިމު ކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލު، ތަރައްޤީކުރުމަށް ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާ ސަރުކާރާއެކު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފިއެވެ.
މި ލެޓަރ އޮފް އެކްސްޗޭންޖްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ިބނާރާާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ މެޑަމް ވަންގ ލިޒިން އެވެ.
މި މަރުހަލާގައި، ޗައިނާގެ ކަމާާބެހޭ ފަރާތްތަކުން ރާއްޖެ ޒިޔާރަތްކޮށް މަޝްރޫޢުއާ ގުޅޭ ގޮތުން، ޓެކްނިކަލް ތަފްސީލްތައް ދެނެގަނެ މި މަސައްކަތުގެ ޓެންޑަރ މަރުހަލާއަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރެވިގެންދާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ދައުލަތުގެ މީޑިޔާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކުރިއަށް ދާނީ، ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތަށް ބޭނުންވާ ދިރާސާތައް ހެދުންކަމަށެވެ. އެގޮތުން ޕްރޮޖެކްޓްގެ ޓައިމްލައިނާ، ޑިޒައިން އަދި ދޭނެ ޚިދުމަތްތަކާ ޤާއިމުކުރާނެ ވަސީލަތްތަކާ ގުޅޭ ދިރާސާ ކުރާނެކަމަށެވެ. ވަޒީރު ވިދާޅުވީ މި ދިރާސާތައް ކުރުމަށް ޚާއްސަ ޓީމެއް ވަރަށް އަވަހަށް ޗައިނާއިން ރާއްޖެއަށް އަންނާނެކަމަށެވެ. އަދި އުއްމީދަކީ އަންނަ އަހަރަކު ކުރީކޮޅު ޢަމަލީ މަސައްކަތް ފެށުން ކަމަށާއި މަސައްކަތް ފަށްޓާތާ 2 އަހަރުން ޕްރޮޖެކްޓް ނިންމުން ކަމަށެވެ.
ދިވެހި ސަރުކާރުން ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް ތަރައްޤީ ކުރުމަށްޓަކައ، މިއަހަރުގެ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާ ސަރުކާރާއެކު ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ. މިއަދު ސޮއިކޮށްފައިވާ ލެޓަރ އޮފް އެކްސެޗޭންޖަކީ މި ހޮސްޕިޓަލު މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ ތައްޔާރު ކުރުމަށް، ޗައިނާ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސިއްހީ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ ޙަލީލް އާއި އައިޖީއެމްއެޗްގެ ސީ.އީ.އޯ އިބްރާހިމް އަދުލް ރައްޒާގް ހަލީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

