ބައިނަލްއަގްވާމީ ފެންވަރުގެ އާޓްސް ސްކޫލެއް ރާއްޖޭގައި ގާއިމް ކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމެންޓްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވީ އާޓްސް ސްކޫލެއްގެ ބޭނުން ރާއްޖެއަށް ކޮންމެހެން ބޭނުންވެފައިވާ ކަމަށެވެ.
“އާޓްސް ސުކޫލެއް ރާއްޖޭގައި ގާއިމް ކުރަން ވަނީ ނިންމާފައި. މި ސުކޫލުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްދާނެ.” އަސްވާޑް
އަސްވާޑް ވިދާޅުވީ މި ސުކޫލް ގާއިމް ކުރަން ނިންމިއަސް އަދި ވަކި ތާރީހެއް ކަނޑަނައަޅާ ކަމަށެވެ.
އާޓްސް ސުކޫލެއް ރާއްޖޭގައި ގާއިމް ވެގެންދާއިރު އެތަނުން ކިޔަވައިދޭނީ ޖާނަލިޒަމްއާ ފިލްމް އެކްޓިންއާ އެޑިޓް ކުރުން ކަމަށެވެ. އަދި ކުރެހުން ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފަންނުވެރިކަމުގެ އެކި ހުނަރުތަކާއިއެކު އެކި ދާއިރާއިން އެކިއެކި ހުނަރު ދަސްކުރުންވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
އެ ސުކޫލުން އެކި އުމުރުގެ ފަރާތްތަކަށް ހުނަރުތައް ދަސްކުރެވޭނެ މަގު ފަހިވާނެ ކަމަށާއި، ރާއްޖޭގެ އާޓްސް ކުރިއެރުވުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށްވެސް އަސްވާޑް ފާހަގަ ކުރެއްވިއެވެ.
އާޓްސް ގޮތްޕެއް ރާއްޖޭގައި ނެތުމަކި އާޓްސްގެ ދާއިރާއިންނާއި ހުނަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އޮތް ކަންބޮޑުވުމެއް ކަމަށާއި، އެހެންކަމުން މިއީ ކޮންމެހެންވެސް ބޭނުން ކަމެއް ކަމަށެވެ.
އާޓްސް ސުކޫލާއި ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވެސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށް އަސްވާޑް ވިދާޅުވިއެވެ. މި ފަދަ ސުކޫލެއް ރާއްޖޭގައި ގާއިމް ކުރުމަށް ސަރުކާރުން ވެސް ނުހަނުބޮޑު ތަރުހީބެއް ދެއްވާ އެކަން ކުރިއަށްދާނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

