20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ އަދި ނަައިބު ރައީސް އަކަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް ގެނައުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްއިން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 74 މެންބަރުންނާއެކު މަޖިލީހުގެ ސުޕަ-މެޖޯރިޓީ ލިބިފައިވާ ޕީއެންސީން އެ ދެ ބޭފުޅުން މަޖިލީހުގެ ރައީސްކަމަށާއި ނައިބުރައީސްކަމަށް ގެނައުމަށް ނިންމާފައިވަނީ މިއަދު މުލިއާގޭގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި ކެބިނެޓުގެ ވަޒީރުންނާއި ޕީއެންސީގެ އިންތިޚާބީ މަޖިލިސް މެންބަރުންނާއެކު ކުރިއަށްގެންދާ ބައްދަލުވުމުގައެވެ.
އަބްދުއްރަހީމަކީ ފާއިތުވި 5 އަހަރު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމުގައި އެެންމެ އިސްކޮށް ހުންނެވި ބޭފުޅާއެވެ. ޕީއެންސީގެ ރައީސްގެ މަޤާމުގައި ހުންނެވި އަބްދުއްރަހީމަކީ އެއިރު އެކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށް ލުމުން ވަގުތީ ގޮތުން ޕާޓީއާ ހަވާލުވެވަޑައިގެން ހުންނެވި ލީޑަރެވެ.
ނާޒިމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަން ކުރައްވާފައިވާ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ މަތީ މަޤާމުތައް އަދާކުރެއްވުމުގެ އިތުރަށް ސިޔާސީ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމަށް އަދި ނާޒިމު މަޖިލީހުގެ ނައިބުރައީސްކަމަށް ގެންނެވުމަށް ނިންމެވި ނިންމެވުމަކީ ރައީސް ޑރ.މުޢިއްޒު އިސްވެހުންނަވައި މިއަދު މުލިޔާގޭގައި ބޭއްވި ބައްދަލުވުމުގައި ނިންމި ނިންމެވުމެކެވެ.
މަޖިލީހުގެ ރިޔާސަތަށް ބޭފުޅުން އައްޔަންކުރެއްވުމުގެ އިތުރަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ މަޤާމުތަކަށްވެސް ބޭފުޅުން ހަމަޖައްސަވާފައިވެއެވެ. ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގައި ޖުމްލަ 74 މެންބަރުން ތިއްބަވާނެއެވެ.

