ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ހަމަޖެއްސުމަށް ނިންމައިފި އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އަދި ޕީއެންސީގެ ޕީޖީ ލީޑަރާއި ނައިބް ލީޑަރު ކަމަށް ބޭފުޅުންގެ ނަންތައް ކަނޑައެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް މިނަންތައް ހުށަހެޅުއްވީ ޕީއެންސީގެ އިންތިހާބީ މަޖިލިސް މެންބަރުންނާއި، ވަޒީރުންނާއި، ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި ޕީއެންސީ އަދި ޕީޕީއެމްގެ އިސްވެރިންނާ އެކު މިއަދު މުލިއާގޭގައި ކުރިއަށް ދިޔަ ބައްދަލުވުމުގައެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވާފަ އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރަކަށް ފަލާހްގެ ނަން ރައީސް މުއިއްޒު ހުށަހެޅުއްވުމާ ގުޅިގެން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޖީ ލީޑަރަކަށް ވަނީ ފަލާހް އެވެ. މައިނޯރިޓީ ލީޑަރަކަށް ވާނީ އިދިކޮޅު އެމްޑީޕީން ކަނޑައަޅާ ބޭފުޅެކެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމު އިންތިހާބު ކުރުމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ހުށަހަޅުއްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް ހޮވާނީ މިމަހުގެ 28 ވަނަ ދުވަހު މެންބަރުން ހުވާކުރެއްވުމަށް ބާއްވާ ޖަލްސާގައި މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

