ސިޔާސީ މައިދާނުގައި ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަން ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުފަދަ ދެވަނަ ލީޑަރެއް ނެތްކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެޕާޓީން އިންތިޚާބުކުރުމަށް ނިންމާފައިވާ ފޮނަދޫ ދާއިރާގެ އިންތިޚާބީ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ފާއިތުވި އޭޕްރީލު މަހުގެ 21 ވަނަ ދުވަހު އޮތް މަޖިލީހުގެ އިންތިޚާބުގައި 20 ވަނަ މަޖިލީހަށް ހޮވިވަޑައިގެންނެވި ޕީއެންސީގެ މެންބަރުންނާއެކު މުލިއާގޭގައި ރައީސް ޑރ.މުޢިއްޒު ބޭއްވެވި ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިޚާބު ކުރަން ރައީސް ހުށަހަޅުއްވައި އިންތިޚާބީ މެންބަރުންގެ އިއްތިފާޤުން އެގޮތަށް ފާސްކުރައްވާފައިވެއެވެ.
އެ ބައްދަލުވުމަށްފަހު މުލިއާގެއިން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ 20 ވަނަ މަޖިލީހުގެ ރައީސް ކަމަށް އޭނާ އިންތިޚާބުކުރަން ރައީސް ޑރ.މުޢިއްޒު ހުށަހެޅުއްވީތީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
ޑީއާރުޕީއާއި ޕީޕީއެމްގައި ކުރީގެ ރައީސުން ކަމަށްވާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ރައީސް ޢަބްދުﷲ ޔާމީން އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން އިސްސަފުގައި ސިޔާސީ މަސައްކަތްކުރެއްވި އަބްދުއްރަހީމް ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތްޕުޅުގައި އެކި ބޭފުޅުންނާއެކު މަސައްކަތް ކުރެއްވިއިރު، ކުރައްވާ މަސައްކަތް ރައީސް މުޢިއްޒު ފަދައިން ބަލައިގެންނެވި އެހެން ލީޑަރަކު ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
“އަޅުގަނޑު ވަރަށް އިޚުލާސްތެރި ޝުކުރެއް ރައީސް މުއިއްޒަށް ދަންނަވަން ބޭނުން. އެއީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔަކަށް އަޅުގަނޑުު އިހްތިޔާރު ކުރައްވާ އަޅުގަނޑަށް އެ ކުރެއްވި އިތުބާރު އެއީ އަޅުގަނޑު ދުވަހަކުވެސް ހަނދާން ނައްތާލާނެ ކަމެއް ނޫން. އަޅުގަނޑު ވަރަށް ގިނަ ލީޑަރުންނާއެކީ މަސައްކަތް ކޮށްފިން. އަޅުގަނޑަށް މިހާތަނަށް މަސައްކަތުގެ އަގު އެންމެ ބޮޑަށް ވަޒަން ކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިގެން މިދިޔައީ ރައީސް ޑރ. މުހައްމަދު މުއިއްޒު،” އަބްދުއްރަހީމް ވިދާޅުވިއެވެ.
ރައީސް މުޢިއްޒަށް ޝުކުރު އަދާކުރެއްވުމާއެކު އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ރައީސް އެދިވަޑައިގަތީ ޤައުމަށް ފައިދާވާ މަސައްކަތްތައް އަވަހަށް ހަލުއިކަމާއެކު ނިންމާ މަޖިލީހަކަށް 20 ވަނަ މަޖިލިސް ހައްދަވައި، އެއީ މިނިވަންކަމާއެކު ހިނގާ ނަމޫނާ މަޖިލީހަކަށް ހެއްދެވުމަށް ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ މި ސަރުކާރުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ސަމާލުކަމެއް ނުދީ ކުރިއަށްދާނީ ރައްޔިތުންނަށް ރައީސް ޑރ.މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދެވުމުގެ މަސައްކަތްޕުޅާއިގެން ކުރިއަށް ކަމަށެވެ.

