މާލޭ ސަރަހައްދު ހިމެނޭ ގޮތަށް މިއަދު ވެސް މޫސުން ވަރަށް ގޯސް ވާނެ ކަމަށް ލަފާކޮށް، އޮރެންޖު އިންޒާރު ނެރެފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) ފަތިހު ނެރުނު އިންޒާރުގައި ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ގަޑިއަކު 34 މޭލާއި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ވައިގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ. އަދި ކަނޑުތައް ގަދަވާނެ އެވެ. ނަމަވެސް، ފަހުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އިންޒާރު ނެރެފަ އެވެ.
އޮރެންޖު އިންޒާރުގެ ވަގުތު 11:00 އަށް ވަނީ އިތުރުކޮށްފަ އެވެ.
މިއަދު ވެސް ބޯކޮށް ވާރޭވެހި، ވައިގަދަވެ، އަދި ކަނޑުތައް ވެސް ގަދަވެ، އުދަ އަރާނެ ކަމަށް ލަފާކުރެ އެވެ. އެހެންވެ، އެކަމަށް ސަމާލުވުމަށް އަދި ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކަނޑުތަކުގެ ރާޅުތައް އިއްޔެ އަށް ވުރެ މިއަދު އުސްވާނެ ކަމަށް ލަފާކުރެ އެވެ. ކަނޑުގެ ރާޅުތައް އިއްޔެ 6 ފޫޓާއި 9 ފޫޓާ ދެމެދު ހުރި ނަމަވެސް، މިއަދު ރާޅުތައް ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 7 ފޫޓާއި 10 ފޫޓާ ދެމެދު އެވެ.
އޮރެންޖު އެލާޓަކީ މޫސުން އިންތިހާއަށް ގޯސް ހާލަތެއްކަން އަންގައި އިންޒާރެކެވެ. އެ އެލާޓުން ބުނެދެނީ މޫސުމަށް ރައްކާތެރިވެ ތިބުމަށެވެ. އޮރެންޖު އެލާޓަށް ފަހު ދެން ނެރޭނީ ނުރައްކާތެރިކަން އަންގައި ދިނުމަށް ނެރޭ އެންމެ މަތީ މިންގަނޑުކަމުގައިވާ ރެޑް އެލާޓެވެ.

