އަންހެނުން ފައިގައި ކެވެލި އެޅުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނެމެވެ. އިސްލާމީ ޝަރީޢަތުގައި އަންހެނުންނަށް ރަން ބޭނުންކޮށް އެއިން ޒީނަތްތެރިވުމަކީ ހުއްދަ ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވެ އެވެ. އެ ގޮތުން ރަނުގެ ފަށް ކެވެލި އަދި ރަން އަނގޮޓި އަދި އެނޫންވެސް ގަހަނާ ގޮތުގައި ބޭނުން ކުރުން ހުއްދަވެގެންވެ އެވެ.
ޞަޙާބީ علي بن أبي طالب ގެ އަރިހުން ރިވާވެގެންވާ ޙަދީޘްގައިވެ އެވެ.
إنَّ نبيَّ اللهِ صلَّى اللهُ عليْهِ وسلَّمَ أخذ حريرًا فجعلَه في يمينِه ، وأخذ ذهبًا فجعلَه في شمالِه ، ثم قال : إنَّ هذيْنِ حرامٌ على ذكورِ أمتي ”ހަމަކަށަވަރުން ﷲ ގެ ނަބިއްޔާ ކަނާތްޕުޅުން ފަށުވި ފޭރާންކޮޅެއް ނެންގެވި އެވެ. އަދި ވައަތްޕުޅުން ރަންކޮޅެއް ނެންގެވި އެވެ. އަދި އެއަށްފަހުގައި ޙަދީޘްފުޅު ކުރެއްވި އެވެ. ”ހަމަކަށަވަރުން މި ދެ އެއްޗަކީ ތިމަން ނަބިއްޔާގެ އުއްމަތުގެ ފިރިހެނުންގެ މައްޗަށް ޙަރާމް ވެގެންވާ ދެ އެއްޗެކެވެ.“
މި ޙަދީޘް صحيح أبي داود ގައި 4057 ގައި ވެ އެވެ.
އަންހެނުން ރަން ފަށް އެޅުމާއި އަދި ކެވެލި އެޅުމުގައި ކަނޑައެޅީފައިވާ ޝަރުޠަކީ، ހިލޭ ފިރިހެނުންނަށް އެތަކެތި ފެނިގެން ނުވުމެވެ. ފަހެ، މިއީ ޒީނަތުގެ ތެރެއިން ހާމަކުރުން ނަހީ ކުރެވިގެންވާ ކަމެކެވެ.
ﷲ ވަޙީ ކުރެއްވި އެވެ. (ولا يَضْرِبْنَ بأرجُلِهِنّ لِيُعْلَمَ ما يُخْفِين من زِينَتِهِنّ ) النور-31 ”އަދި އެ ކަނބަލުންގެ ގަހަނާގައި ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށި ކަމެވެ.“
ވުމުން އަންހެން މީހާ މިފަދަ ގަހަނާއެއް ބޭނުންކޮށްފި ހިނދުގައި، އަންހެން މީހާއަށް ވާޖިބުވެގެންވަނީ ހިލޭ ފިރިހެނުންނަށް މި ޒީނަތް ފޮރުވައި ވަންހަނާ ކުރުމެވެ.
މިއަދު ދުނިޔެމަތީގައިވާ އެންމެ ބޮޑެތި ސުންނަތުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންންވާ އަދި ފަތުވާ ކޮމެޓީގެ މެންބަރު الشيخ العلامة صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ. ”އެތަނެއްގެ އަހުލުވެރިން އާދަކާދައިގެ ގޮތުން (ޒީނަތްތެރިވުމަށް) ރަން، ރިހީގެ ގަހަނާ ބޭނުންކުރާ މިންވަރަށް އަންހެނުން ގަހަނާ ބޭނުން ކުރުން ހުއްދަވެގެންވެ އެވެ. މިކަމުގެ މައްޗަށް ޢިލްމުވެރިންވަނީ އިޖުމާޢުވެވަޑައިގެންފަ އެވެ. އެހެނަސް މި ގަހަނާތައް މަޙްރަމު ނޫން އެހެން ފިރިހެނުންނަށް ފާޅުކުރުން ހުއްދައެއް ނުވާނެ އެވެ. އަދި ކިޔެއްހެއްޔެވެ. މި ގަހަނާތައް ނިވާކުރަންޖެހޭނެ އެވެ. އެއީ ޚާއްޞަކޮށް ގެއިން ބޭރަށް ނުކުންނަ ވަޤުތުގަ އެވެ. ސަބަބަކީ މިއީ ފިތުނަވެރިކަމެކެވެ.“ تنبيهات على أحكام تختص بالمؤمنات ص 20
ފަހެ، އެފަދައިން ނިވާކުރެވި ހިލޭފިރިހެނުންނަށް ވަންހަނާ ކުރެވޭ ގޮތުގައިވާނަމަ އެކަމުގައި އަންހެން މީހާއަށް އެއްވެސް ކުށެއް އަދި މަނާ ކަމެއް ނުވެ އެވެ. ޝައްކެތްވެސް ނެތެވެ. މިއީ މި ޒަމާނުގައި ބޮޑުވެގެންވާ ފިތުނަ އެކެވެ. ދީނުގައި ނަހީ ކުރެވިފައިވާ ޢަމަލެއް ވަރަށްވެސް ބޮޑަށް އެކަމަށް އިހުމާލުވެ ފަރުވާކުޑަ ކޮށްފައި ވުމެކެވެ. އެ ގޮތުން ހިލޭ ފިރިހެނުންނަށް މިފަދައިން ފައިގައި އަޅާފައިވާ ކެވެލިފަށް ފަދަ ތަކެތި، މި ޒީނަތް ފާޅު ކުރުމުގެ ފިތުނައިގައި އެތައް މުސްލިމް އަންހެނުންތަކެއް ޖެހިފައިވެ އެވެ. و الله المستعان.
ވުމުން މިކަމަށް ފަރުވާތެރިވެ އިންޒާރު ލިބިގަތުން ހުއްޓެވެ.

