މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ދުނިޔޭގެ ބާޒާރުގައި ދައުރުވަމުންދާތީ ރައްކާތެރިވުމަށް މިނިސްޓްރީ އޮފް ހޯމް ލޭނޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އެދިއްޖެއެވެ.
ހޯމް ލޭނޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ނެރުނު ބަޔާނެއްގައި ބުނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމުގައިވާ ” ފެންޓަނީލް-ލޭސްޑް ޑްރަގްސް” ބައިނަލްއަޤުވާމީ ބާޒާރުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މި ޑްރަގަކީ ކެމިކަލް އެކުލެވިގެންވާ ނުރައްކާތެރި ޑްރަގްއެއްކަމުން މިކަން ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށެވެ.
ފެންޓަނީލް-ލޭސްޑް ޑްރަގްސް”އާންމުކޮށް ކިޔާ ނަމުން ނަމަ ” ޗައިނާ ވައިޓް” ވަނީ ބައިނަލް އަގްވާމީ މާކެޓްގައި އުފައްދާ ދައިރުވާން ފަށާފައި ކަމަށެވެ. މިއީ ބާރުގަދަ ކެމިކަލްތަކެއް އެއްކުރެވިގެން އުފައްދާފައިވާ ނުރައްކާތެރި އެއްޗަކަށްވާތީއާއި އެ ޒާތުގެ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާ ކަމަށެވެ.
މިހެން ކަމުން މިކަމާއި ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް މިހާރު އަޅަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި މި މަސައްކަތުގައި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މި މަސައްކަތްތަކުގައި އާންމުން ހޭލުންތެރިކަން އިތުރުކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް އެ މިނިސްޓްރީ ވަނީ ބުނެފައެވެ.

