މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލަކީ އިލްމު ހޯދުން ކަމަށާއި އިލްމަކީ ސުވަރުގެ ވާސިލް ކޮށްދޭނެ އަމަލެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާ އަމާޒު ކޮށްފައިވަނީ ދިރާސީ އައު އަހަރު ކިޔެވުމާއި ގުޅޭގޮތުންންނެވެ. އެގޮތުން ހުތުބާގައި ބުނެފައިވަނީ މި ފެށޭ ދިރާސީ އަހަރަކީ ތިމާމެންގެ ދަރީންނަށާއި ބެލެނިވެރިކަމުގެ ދަށުގައިވާ ކުދިންނަށް ހުރިހައި ގޮތަކުންވެސް ބާއްޖަވެރި އަދި ކާމިޔާބު އަހަރެއްކަމުގައި ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަންޖެހޭ ކަމަށެވެ.
ރާއްޖޭގައިތިބި ދަރިވަރުން ފަދައިން ﷲ ގެ ރަޙުމަތް ލިބިފައިވާ ފަދަ ތަޢުލީމީ ފުރުޞަތަކަށް އެދިއެދި ތިބި އެތައްހާސް ކުދިންނެއް ދުނިޔޭގައި އުޅެމުންދާ ކަމަށާއި، އެހެންކަމުން، ދިވެހި ދަރިވަރުންނަށް ލިބިފައިވާ ފުރުޞަތު ބޭކާރުކޮށްނުލައި، ﷲ ގެ ވާގިފުޅާއެކު ހިންމަތާއެކު މަސައްކަތްކޮށް، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ޢަޒުމް އާ ކުރުމަށެވެ.
ޢިލްމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ނޫރެއް ކަމަށާއި ޢިލްމުގެ ތެރޭގައި ތިމާ ދުނިޔެ އާރާސްތު ކުރުމަށް ބޭނުންވާ ޢިލްމާއި އާޚިރަތުގެ ހެވާއިލާބަ ލިބިގަތުމަށް ބޭނުންވާ ޢިލްމު ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި ޢިލްމުގެ ތެރެއިން އެންމެ މާތް މަތިވެރި ޢިލްމަކީ އަރަހުށި މާތް ﷲ ގެ އެއްކައުވަންތަކަން މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމުކަމުގައިވެސް ބުނެފައިވެއެވެ.
ޢިލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެއް ކަމަށާއި، ޢިލްމު އުނގެނުމަށް ވަކި ޢުމުރެއް ވަކި ޖިންސެއް ނޯންނަ ކަމަށެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަވެއެވެ.
މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ޢިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނޭ ކަމަށާއި، އެއީ، ސުވަރުގެއަށް ވާޞިލުކޮށްދޭނެ ކަމެއް ކަމަށެވެ.
ޢިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރީން ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން ނަބީބޭކަލުން ވާރުތަ ކުރެއްވީ ޢިލްމު ކަމަށާއި ދުނިޔަވީ އެއްވެސް މާއްދީ މުދަލެއް އެ ބޭކަލުންގެ ކިބައިން ވާރުތައެއް ނުވާ ކަމުގައެވެ.
ޢިލްމުވެރިޔާއަށް އުޑާއި ބިމުގައި ވާހައި ތަކެއްޗާއި، ކަނޑުގައިވާ މަސްމަހާމެއްސަށް ދާންދެން އިސްތިޣުފާރު ކުރާނެކަމަށްވެސް ބުނެއެވެ.
ހާއްސަކޮށް އަޅުވެރިޔާއާއި ޢިލްމުވެރިޔާގެ މާތްކަން ވާހުށީ ހުރިހާ ތަރިތަކުގެ މައްޗަށް ހަނދު މަތިވެރިވެގެންވާ ފަދައިން ކަމުގައި ވެސް ބުނެއެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުން ކަމުގަޔާއި ޢިލްމު ޙާޞިލުކޮށްފިމީހާއީ ބޮޑުވެގެންވާ ނަސީބެއް ޙާޞިލުކޮށްފި މީހެއް ކަމުގައި ނޫނީ ނުވާނެ ކަމަށެވެ.

