ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ، ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ސިއްހީ ހާލަތު ދަށްވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.
ސައުދީ ރަސްގެފާނުގެ ސިއްހީ ހާލުކޮޅާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވައި ރައީސް ޑރ މުއިއްޒު އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނާއި ދިވެހިންވެސް އެދެނީ މާތް ވެގެންވާ ދެ ހަރަމްގެ ޚާދިމް، ސަލްމާން ރަސްގެފާނަށް އަވަސް ޝިފާއެއް ދެއްވުމަށެވެ. ހަމަމިއާއެކު، ރައީސް މުޢިއްޒު ވަނީ ސަލްމާން ރަސްގެފާނު ފުރިހަމަ ސިއްހަތެއް ދެއްވާތޯ ދުޢާދަންނަވާފައެވެ.
ފުއްޕާމޭ ދުޅަވުމުގެ ސަބަބުން ފަރުވާ ހޯއްދަވަމުން ގެންދަވާ 88 އަހަރުފުޅުގެ ރަސްގެފާނު ސަލްމާން ހުން އައިސް ހުޅުތަކުގައި ރިއްސާތީ އެމަނިކުފާނުގެ މެޑިކަލް ޓީމުގެ އެދުމުގެ މަތިން ޓެސްޓްތަކެއް ހަދާފައި ކަމަށް މިހަފުތާގެ އާދީއްތަ ދުވަހު އެސްޕީއޭ އިން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އޭގެފަހުން އެނޫހުން ރިޕޯޓް ކުރި ގޮތުގައި ރަސްގެފާނު ސަލްމާން ދަނީ އެމަނިކުފާނުގެ ފުއްޕާމޭ ދުޅަވުމާއި ގުޅިގެން އެންޓިބަޔޮޓިކްސް ހިމެނޭ ތެރަޕީ ޕްރޮގްރާމެއް ނަންގަވަމުންނެވެ.
ރަސްގެފާނުގެ ހާލުކޮޅާމެދު ކަންބޮޑުވުން ފާޅުކޮށް ގިނަ ގައުމުތަކުގެ ވެރިން ދަނީ ރަސްގެފާނަށް ހިތްވަރުގެ މެސެޖުތައް ފޮނުއްވަމުންނެވެ.

