2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މުވައްޒަފުން އިސްނަގައިގެން ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެން ފަހުމީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ފަހުމީ ވިދާޅުވީ މި ޙަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއޒު ކޮޕް28 ސަމިޓުގައި އިޢުލާން ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަގައި ބައިވެރިވެ، އެ މަސައްކަތުގައި ހިއްސާވުމުގެ ގޮތުން ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް ހިންގާ ޙަރަކާތެއް ކަމަށެވެ.
މި ޕްރޮގްރާމްގެ ޒަރިއްޔާއިން ސްޓެލްކޯއިން އުފައްދާ ކަރބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވުމަށް މަގުފަހިވާނެތީ، ކުންފުނީގެ ހުރިހާ މުވައްޒިފުންގެ ބައިވެރިވުން މުހިންމުކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ފަހުމީ ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ މުއިއްޒު، މި ގަސް އިންދުމުގެ މަޝްރޫއު އިއުލާން ކުރެއްވީ ޔޫއޭއީގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުންނެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން ރިސޯޓްތަކުގައިވެސް އެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ ރައީސް އެ އިއުލާނު ކުރެއްވި ދުވަހު، އެ ޕްރޮގްރާމްގެ އަމަލީ މަސައްކަތް ޖޫން 5 ވަނަ ދުވަހު ފަށާނެ ކަމަށް ތޯރިގު ވިދާޅުވިއެވެ. ޖޫން 5 ވަނަ ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމުން އެ ދުވަހާ ދިމާކޮށް އެ ޕްރޮގްރާމް ފެށުމަށް ވަނީ ނިންމާފައެވެ.

