އިންޑިއާގެ ހުޅަނގުގެ ކެމިކަލް ކާރުހާނައެއްގައި އެއްޗެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި 8 މީހުން މަރުވެ، 60 އަށް މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުންނާއި މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.
މަހާރަޝްތުރާ ސްޓޭޓްގެ ތާނޭ ޑިސްޓްރިކްޓްގެ އަމުދާން ކެމިކަލް ކުންފުނީގައި މީގެ އެއް ދުވަސް ކުރިން ހިނގި މި ހާދިސާއަށް ފަހު، ކަމާބެހޭ ފަރާތްތަކުންވަނީ ހުކުރު ދުވަހު މަރުވި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
ފެކްޓްރީގެ ބޮއިލަރުގައި އެއްޗެއް ގޮވުމުގެ ސަބަބުން ކައިރީގައި ހުރި ފެކްޓްރީތަކަށާއި ގެތަކަށް އަލިފާނުގެ އަސަރުކޮށް ގެއްލުންވެފައިވާ ކަމަށް އެޑްމިނިސްޓްރޭޓިވް އޮފިޝަލް ސަޗިން ޝެޖަލް އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައި ވެއެވެ.
އަދި މިހާތަނަށް ދެ މީހެއްގެ ހަށިގަނޑު ދެނެގަނެވިފައިވާ ކަމަށާއި އަނެއް ބައި ހަށިތައް ކާކުކަން ނޭނެގޭ ވަރަށް އަނދާފައި ކަމަށް ޝެޖަލް ބުނެފައި އެވެ.
އޭނާ އިތުރަށް ބުނީ މަރުވި މީހުންގެ ހަށިތައް ދެނެގަތުމަށް އެހީތެރިވެދޭނެ ޑީއެންއޭ ސާމްޕަލް ހުށަހަޅަން އެމީހުންގެ އާއިލާތަކުގެ ކިބައިން އެދިފައިވާނެ ކަމަށެވެ.

އިންޑިއާގެ އެންޑީޓީވީއާ ހަވާލާދީ މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ދޭވެންދުރަ ފަޑްނާވިސް ބުރާސްފަތި ދުވަހު ބުނީ ބައެއް މީހުން ސަލާމަތްކޮށް ޒަހަމްވި މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެއްޗެއް ގޮވި އަޑު އެއް ކިލޯމީޓަރު ދުރަށް އިވިފައިވާ ކަމަށެވެ.
މި ބާރުގަދަ ގޮވުމުގެ ސަބަބުން ޑޮމްބިވްލީ ސިޓީގައި ހުންނަ މި ފެކްޓްރީ ހުރި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެގޮތުން ޖެހިގެން ހުރި ފެކްޓްރީތަކަށް އަލިފާނުގެ އަސަރުކޮށް، ކައިރީގައި ހުރި ގެތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، އެ ސަރަހައްދުގައި ބޮޑު ވަޅުގަނޑެއް އުފެދިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
މަހާރާޝްތުރާގެ ޗީފް މިނިސްޓަރު އެކަނަތު ޝިންޑޭއާ ހަވާލާދީ އެންޑީޓީވީއިން ބުނީ މަރުވި މީހުންގެ އާއިލާތަކަށް ބަދަލު ލިބޭނެ ކަމަށާއި ޒަހަމްވި މީހުންގެ ބޭސްފަރުވާގެ ހަރަދު ސްޓޭޓް ސަރުކާރުން ބަލަހައްޓާނެ ކަމަށެވެ.
އިންޑިއާގެ އެކި ކަންކޮޅުތަކުގައި އަލިފާނުގެ ހާދިސާތައް އާންމުވެފައި ވަނީ ރައްކާތެރިކަމުގެ މިންގަނޑުތައް ދަށްވުމާއި ގަވާއިދުތައް ތަންފީޒު ކުރުމުގައި ފަރުވާކުޑަވުމުގެ ސަބަބުންނެވެ.
އެކްޓިވިސްޓުން ބުނާ ގޮތުގައި އިމާރާތް ކުރާ ފަރާތްތަކުން ހަރަދު ކުޑަ ކުރުމަށް ޓަކައި ގިނަ ފަހަރު ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ނުދެއެވެ. އަދި ސިވިކް އޮތޯރިޓީތަކުން މި ކަމުގައި އިހުމާލުވާ ކަމަށްވެސް ތުހުމަތުކުރެއެވެ.
އުފެއްދުންތެރިކަމުގެ ހަބަކަށް އިންޑިއާ ހެދުމަށް މަސައްކަތްކުރަމުން ދާއިރު، މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިހުމާލުވަމުން އަންނަ މައްސަލައަކީ އެ ގައުމު ދިމަވާ ވަރަށް ބޮޑު މައްސަލައެކެވެ.

