ޕޯޗުގަލާއި ސްޕެއިންގެ އުޑުމަތިން ރޭގަނޑު ފެނުނު ނޫ ފެހި ކުލައިގެ "އަލިފާންބޯޅަ" ނުވަތަ މީޓިއޯގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އެބަދެއެވެ.
ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީއެސްއޭ) އިން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހު (މެއި 18) ހަވީރު 6:46 ސްޕެއިންގެ ކެސެރެސްގައި ކެމެރާތަކަށް މި އަލިފާންބޯޅަ އަރާފައިވާ ކަމަށެވެ.
އީއެސްއޭ އިން ބުނީ މި އަލިފާންބޯޅައަކީ ސްޕެއިނާއި ޕޯޗުގަލްގެ މަތިން ގަޑިއަކު ގާތްގަނޑަކަށް 100،000 މޭލު ނުވަތަ ލޮކްހީޑް މާޓިން އެފް-16 ފައިޓަރ ޖެޓެއްގެ އެންމެ ބާރު ސްޕީޑަށް ވުރެ ގާތްގަނޑަކަށް 65 ގުނަ ބާރު މިނުގައި ދަތުރުކުރި ކޮމެޓެއްގެ ބައެއް ކަމަށެވެ.
އީއެސްއޭ އިން އިތުރަށް ބުނީ އެޓްލާންޓިކް ކަނޑުގެ މަތިން މި މީޓިއޯ ގޮސްފައިވަނީ ބިމަށްވުރެ 38 މޭލު (60 ކިލޯމީޓަރު) އުސްމިނުގައި ކަމަށެވެ.
އެކްސް، ފޭސްބުކް އަދި ރެޑިޓް ގައި އެތައް ހާސް ބަޔަކު ވަނީ މި މީޓިއޯއާއި ބެހޭގޮތުން ވާހަކަތަކާއި ހިތްގައިމު ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށްފަ އެވެ.
" ޕްލެނެޓަރީ ޑިފެންސް އޮފީހުން އޭތީގެ ސައިޒާއި ބާރުމިން ދިރާސާކޮށް ކުރަމުން ގެންދަނީ އޭތީގެ އެއްވެސް ބައެއް ދުނިޔެއާއި ހަމައަށް ފޯރާފައިވޭތޯ ބެލުމަށް."
އީއެސްއޭގެ އެކްސް ފީޑްގައި ލިޔެފައިވެއެވެ.
އެކްސް ބޭނުންކުރާ ފަރާތެއް ކަމަުގައިވާ ކޮލިން ރުގް އޭނާގެ ފީޑްގައި މިޓިއޯގެ ހިތްގައިމު މަންޒަރުތައް ހިއްސާކޮށް ލިޔެފައި ވަނީ މިއީ އާދަޔާ ހިލާފު މަންޒަރެއް ކަމަށެވެ. ރިޕޯޓްތަކުން ބުނާ ގޮތުން އެތައް ސަތޭކަ ކިލޯމީޓަރަކަށް މި ނޫ ކުލައިގެ އަލިގަނޑު ދަތުރުކޮށްފައިވާ ތަން ފެންނަ ކަމަށެވެ.
ދުނިޔޭގެ ސަރަޙައްދަށް މީޓިއާ ވެއްޓިފައިވާކަން ކަށަވަރުކުރެވިފައި ނުވި ނަމަވެސް ބައެއް ރިޕޯޓްތަކުން ބުނާގޮތުގައި ކާސްޓްރޯ ޑައިރޭ އަވަށުގެ ކައިރި އަށް އޭތި ވެއްޓިފައިވާ ކަމަށް ބެލެވެއެވެ.
ނިއުސް އެންޑް މީޑިއާ އޯގަނައިޒޭޝަން ނޯވާ ޕޯޗުގަލް އިން ވެސް ވަނީ އެކި ތަންތަނުން ނަގާފައިވާ މި އަލިފާންބޯޅައިގެ މަންޒަރުތައް ހިއްސާކޮށްފަ އެވެ.
"ޕޯޗްގަލްގެ އުޑުމަތިން އަލިފާންބޯޅަ ފެނުނު މީހުން ތިބީ އަޖައިބުވެ ހައިރާންވެފަ. ޕޯޗުގީޒުންގެ އެތައް ހާސް ބަޔަކު އެމީހުންގެ އިހުސާސްތައް ސޯޝަލް ނެޓްވޯކްތަކުގައި ހިއްސާކުރި."
މިފަދަ "ޝޫޓިން ސްޓާރސް" އަކީ އެސްޓްރޮއިޑް، ކޮމެޓް، ހަނދު، ނުވަތަ އެހެނިހެން ގުރަހަތަކުން ވަކިވެ ބާރު ސްޕީޑުގައި ދުނިޔޭގެ ޖައްވުގެ ތެރެއަށް ވަންނަ ތަކެއްޗެވެ. މީޓިއޮރޮއިޑްސް ނަމަކަށް ކިޔާ (ޖައްވުގައި ހުންނައިރު އެ ބައިތަކަށް ދީފައިވާ ނަން) މި ބައިތަކަށް އަންނަ ލޮޅުމެއްގެ ސަބަބުން އަލިފާން ރޯވެ ޖައްވުގެ ތެރެއަށް ވަންނައިރު އަލިގަދަ ކޮށް ފެނެއެވެ.
މިގޮތަށް ދުނިޔެއަށް ދަތުރުކުރާ އިންޓަސްޓެލަރ މެޓާގެ ގާތްގަނޑަކަށް 90 އިންސައްތައާއި 95 އިންސައްތައާ ދެމެދުގެ އަދަދަކަށް ދުނިޔޭގެ ބިމާއި ހަމައަށް ނުފޯރައެވެ. މީޓިއޮރޮއިޑެއް ދުނިޔޭގެ ބިމާއި ހަމައަށް ވާސިލުވިޔަސް އޭތި ހުންނަނީ ހިރަފުސް ކުންޏަށް ނުވަތަ ހަލާކުވެ ކުދި ކުދި ބައިތަކަށް ވެފައެވެ.
ތަފާތު ކުލައިގެ އަލިފާން އުފެދިގެން އަންނަނީ ތަފާތު ކެމިކަލް އެލިމެންޓްގެ ސަބަބުންނެވެ. މި އަލިފާންބޯޅައިގެ ކުލައިން ދޭހަކޮށްދެނީ އޭގައި ހުރި ކެމިކަލް އެވެ.
ނޫ/ފެހި ކުލައިގެ އަލި އުފެދެނީ މެގްނީޒިއަމްގެ ސަބަބުންނެވެ. މެގްނީޒިއަމް ހިމެނޭ އެކައްޗަކީ އޮލިވިން ނަމަކަށް ކިޔާ މެގްނީޒިއަމް-ދަގަނޑު ސިލިކޭޓްގެ ބާވަތެއް ކަމުގައިވާ ޒައިތޫނި ފެހި ކުލައިގެ ބޮޑެތި ކްރިސްޓަލްތައް އެކުލެވިގެންވާ "ޕެލެސައިޓްސް" އެވެ.
ޕެލެސައިޓްތަކުގެ އަސްލު އަދި އެނގިފައި ނުވިނަމަވެސް ސައިންސްވެރިން ދެކޭ ގޮތުގައި އެސްޓްރޮއިޑްތައް ގިރުމުން، މި ތަކެތި އުފެދިދާނެ އެވެ. ޕެލަސައިޓްތައް އުފެދެނީ އެސްޓްރޮއިޑެއްގެ ދަގަނޑު ކޯރާއި އޭގެ ސިލިކޭޓް، އޮލިވައިން މުއްސަނދި މެންޓަލްއާ ދެމެދު އޮންނަ ހިސާބުންނެވެ.
އެހެން ކަމަށްވާނަމަ މީގެ ގާތްގަނޑަކަށް 4.5 ބިލިއަން އަހަރު ކުރިން ސުރޫދު ނިޒާމުގައި ދުނިޔެ ފަދަ ހިލަ އިގެ ގުރަހަތައް އުފެދުނު ގޮތުގެ ވާހަކަ ޕެލެސައިޓްތަކުން ސައިންސްވެރިންނަށް ވަރަށް ބޮޑަށް އެނގިގެންދާނެ އެވެ.
މިއީ ޕެލެސައިޓެއްކަން އަދި ކަށަވަރު ކުރެވިފައި ނުވާއިރު، މީތި ދުނިޔޭގެ ބިމާއި ހަމައަށް ވާސިލުވިކަން ސައިންސްވެރިންނަށް އަދި އެނގިފައިނުވެއެވެ.
ޕޯޗުގަލް އާއި ސްޕެއިންގެ މަތިން ދިޔަ މި އަލިފާންބޯޅައިން ދުނިޔެއާ ހަމައަށް ވާސިލްވެދާނެ ބައިތައް ހޯދުމުގެ މަސައްކަތް މީޓިއޯ ދިރާސާކުރާ ސައިންވެރިން އަދިވެސް ކުރިއަށް އެބަގެންދެއެވެ.

