އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން، ފަލަސްތީނުގެ ރަފާހަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އަމުރު ކުރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
މިމަހުގެ 7 ވަނަ ދުވަހު ނިރުބަވެރި އިޒްރޭލުން ރަފާހަށް ހަމަލާތައް ދޭން ފެށުމާއެކުހެން ދެކުނު އެފްރިކާއިން ދުނިޔޭގެ ކޯޓަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އަދި އެ މައްސަލައިގައި އެކޯޓުން އިޒްރޭލުން، ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް މިއަދު ވަނީ އަމުރުކޮށްފައެވެ.
ރަފާހަށް ދެމުން އަންނަ ހަމަލަތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ ކޯޓުން ކުރިި ހުކުމާ ގުޅިގެން ރައީސް ޑރ މުއިއްޒު އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އިޒްރޭލުން ދުނިޔޭގެ ކޯޓުގެ ހުކުމަށް މިވަގުތުން ފެށިގެން ތަބާވާން ޖެހޭނެ ކަމަށާއި ރަފަހް ގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓާލަން ޖެހޭ ކަމަށެވެ. ހަމައެހެންމެ އެމީހުންގެ އަތްދަށުގައިވާ ރަފާހުގެ ބޯޑަރު ހުޅުވައި، ރަފާހަށް އެހީ ވެއްދޭނެ މަގު ވެސް ނިރުބަވެރިއިޒްރޭލުން ފަހިކޮށްދޭން ޖެހޭ ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ކޯޓުން ނެރުނު އަމުރަކީ ސުލްހައަށް ޓަކައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށްވެސް ރައީސް ޑރ މުއިއްޒުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
އެކްސްޕޯސްޓުގައި ރައީސްގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވީ، އެ ސަރަހައްދަށް ހަގީގީ އަދި ފުރިހަމަ ސުލްހައެއް އަންނަން އޮތީ 1967 ގެ ކުރިން އދ. އިން ކަނޑައެޅި ބޯޑަރުތަކާ އެއް ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ގޮތުގައި އެ ގައުމަށް މިނިވަން ދައުލަތެއްގެ ދަރަޖަ ލިބިގެން ކަމަށެވެ.

