ފާއިތުވި ތިން އަހަރުގެ ތެރޭގައި އެފްރިކާގެ ބައެއް ސަރަހައްދުތަކަށް މެދުނުކެނޑި ކުރިމަތިވި މޫސުމީ ކާރިސާތަކުގެ ސަބަބުން ބަނޑުހައިހޫނުކަން ކުރިމަތިވެ މީހުންވަނީ އެކި ސަރަހައްދުތަކަށް ހިޖުރަކޮށްފައެވެ. ތޫފާންތަކާއި ފެންބޮޑުވުމާއި ހަނަފަސްވުމުގެ ސަބަބުން އަނެއްކާވެސް ކޮލެރާ ފެތުރުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.
ދެކުނު އަދި އިރުމަތީ އެފްރިކާގައި 2021 ވަނަ އަހަރުގެ ފަހުކޮޅު ކޮލެރާ ފެތުރެން ފެށި ފަހުން މިހާތަނަށް 6،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ގާތްގަނޑަކަށް 350،000 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ.
އެގޮތުން އެންމެ ބޮޑަށް ބަލި ފެތުރުނީ މަލާވީ އާއި ޒެމްބިއާގައެވެ. ޒިމްބާބްވޭއިން ވެސް ވަނީ ގިނަ ކޭސްތަކެއް ފެނިފައެވެ. މީގެ އިތުރުން މޮޒަމްބިކް، ކެންޔާ، އިތިއޯޕިއާ އަދި ސޯމާލިއާއަށް ވެސް ވަނީ ކޮލެރާގެ ކޭސްތައް ފެނިފައެވެ. މިހުރިހާ ގައުމަކުންވެސް ވަނީ ކޮންމެވެސް މޫސުމީ ކާރިސާއެއް ތަޖުރިބާކޮށްފައެވެ.
އެފްރިކާގައި ފެނުގެ ޒަރިއްޔާއިން ފެތުރެމުންދާ ބެކްޓީރިއަލް އިންފެކްޝަން ހީވެސް ނުކުރާ މިންވަރަށް އިތުރުވުމަކީ، މޫސުމީ ކާރިސާތައް ބަލިތައް ފެތުރުމުގައި އިސް ދައުރެއް އަދާކުރާކަން ދައްކުވައިދޭ ކަމެއް ކަމަށް ސިއްހީ އިދާރާތަކާއި ސައިންސްވެރިންގެ އިތުރުން އެހީ ފޯރުކޮށްދޭ އިދާރާތަކުން ބުނެއެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކުގައި ބަލިތައް ދިރާސާ ކުރާ ދެކުނު އެފްރިކާގެ ސައިންޓިސްޓެއް ކަމަށްވާ ޓުލިއޯ ޑި އޮލިވޭރާ ބުނި ގޮތުގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން ދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތައް އާންމުވެފައި ވާތީ ކަމަށެވެ.

ކެންޔާގެ ކިސުމޫގެ އޮމްބަކާ ވިލެޖު — ފޮޓޯ: އޭޕީ/ ބްރަޔަން އޮންގޯރޯ
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓްތައް ދެނެގަތް ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ޑި އޮލިވޭރާ ބުނީ ދެކުނު އެފްރިކާއަށް އެންމެ ފަހުން ބަލިމަޑުކަމެއް އައީ 2021 ވަނަ އަހަރުގެ ފަހުކޮޅާއި 2022 ވަނަ އަހަރުގެ ކުރީކޮޅު މަލާވީއަށް ތޫފާނެއް އައިސް ފެންބޮޑުވުމުގެ ސަބަބުން ކޮލެރާ ބެކްޓީރިއާ އާ ސަރަހައްދުތަކަށް ފޯރުމުގެ ސަބަބުންނެވެ.
ޒިމްބާބްވޭ އާއި ޒެމްބިއާގެ ކޭސްތައް އިތުރުވަމުން އަންނައިރު، އެ ގައުމުތަކުގެ ރައްޔިތުން ފެނަށް ބަރޯސާވެފައިވާ ވަޅުތަކާއި ކޯރު ފަދަ ތަންތަނަކީ މިފަދަ ޖަރާސީމުތަކުން ތައައްޔަރު ވެފައިވާ ތަންތަނަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ކެންޔާ އާއި އިރުމަތީ އެފްރިކާގެ އެހެން ސަރަހައްދުތަކުން މި މަހު ފެންބޮޑުވިތާ ދުވަސްކޮޅެއް ފަހުން ކޮލެރާގެ ކޭސްތައް ފެންނަން ފެށިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެފްރިކާއަށް ސިއްހީ ގޮތުން ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުގައި ކޮލެރާ އަކީ ފަގީރުކަމުގެ ބައްޔެކެވެ. އެއީ ކޮލެރާއަކީ ނަރުދަމާގެ ނިޒާމާއި ސާފު ފެނުގެ ދަތިކަން ހުންނަ ތަންތަނުގައި އާންމުކޮށް ފެތުރޭ ބައްޔަކަށް ވާތީއެވެ. އެފްރިކާގައި މިއަހަރު ކޮލެރާ ޖެހިގެން މަރުވެފައިވަނީ ދެވަނައަށް އެންމެ ބޮޑަށް ބަލި ފެތުރިފައިވާ މެދުއިރުމައްޗަށްވުރެ އަށް ގުނަ އިތުރަށެވެ.
"ވަސީލަތްތައް ހުރި ގައުމުތަކަށް އޭގެ އަސަރެއް ނުކުރޭ." ފްރާންސްގެ އިނީޝިއަލްސް އެމްއެސްއެފް އިން މަޝްހޫރު ޑޮކްޓާސް ވިތައުޓް ބޯޑާސްގެ އިންޓަނޭޝަނަލް މެޑިކަލް ކޯޑިނޭޓަރު ޑރ ޑެނިއެލާ ގަރޯން ބުނެފައިވެ އެވެ.

ޕޯލިއޯ އާއި ޓީބީ ފަދަ ދުނިޔޭގެ އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑަށް ފެތުރޭ ބަލިތައް ހުއްޓުވުމަށް އެތައް ބިލިއަން ޑޮލަރެއް ހަރަދުކުރަނީ އެ ބަލިތަކަކީ ހަލުވި މިނެއްގައި ފެތުރޭ ބަލިތަކަށް ވެފައި މުއްސަނދި ގައުމުތަކުގައި ވެސް މި ބަލިތައް ފެތުރުމަށް މަގުފަހިވެދާނެތީއެވެ. ނަމަވެސް ކޮލެރާ އަކީ ކޮންޓްރޯ ކުރެވިފައިވާ ބައްޔަކަށް ވެފައި މި ބަލި އާންމުކޮށް ފެތުރެނީ ފަގީރު ގައުމުތަކުގައި އެކަންޏެވެ.
މިފަދަ ދަނޑިވަޅެއްގައި ޑަބްލިއުއެޗްއޯއިން ވަނީ ދުނިޔޭގެ ބާޒާރުގައި އޯރަލް ކޮލެރާ ވެކްސިންގެ ދަތިކަމެއް ހުރި ކަމަށް ބުނެފަ އެވެ.
2023 ވަނަ އަހަރު ފެށުނީއްސުރެ 15 ގައުމަކުން މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް 82 މިލިއަން ޑޯޒްއަށް އެދިފައިވާއިރު، ލިބެން ހުރީ އެންމެ 46 މިލިއަން ޑޯޒެވެ.
ރިޒާވްގައި މަދުވެގެން 5 މިލިއަން ޑޯޒް ބެހެއްޓުމަށް ކަނޑައަޅާފައިވާ އަމާޒަށް ވުރެ ދަށްވެ، ބާކީ ރައްކާކޮށްފައި ވަނީ އެންމެ 3.2 މިލިއަން ޑޯޒެވެ.
ވެކްސިން އެލަޔަންސް ގާވީ އާއި އދ.ގެ ކުޑަކުދިންގެ ފަންޑު ޔުނިސެފުން މިދިޔަ މަހު ބުނެފައި ވަނީ ކޮލެރާގެ އާ ވެކްސިނަކަށް ހުއްދަ ދިނުމުން ސްޓޮކް އިތުރުވެގެންދާނެ ކަމަށެވެ. ނަމަވެސް މި އައި ވެކްސިންގެ ދަތިކަމުގެ ސަބަބުން އެތައް ބަޔަކު ވަނީ މަރުވެފައެވެ.
މެދުއިރުމައްޗާއި އެމެރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގައި ކޮލެރާގެ ބަލިމަޑުކަން ފެތުރެމުންދާއިރު އެފްރިކާއަކީ މިހާތަނަށް އެންމެ ބޮޑަށް ބަލި ފެތުރިފައިވާ ސަރަޙައްދެވެ.

