އުނގެނުމުގެ ނުކުޅެދުންތެރި(learning disability)ކަމަކީ މައުލޫމާތު ނަގައި ދޭހަވުމުގެ މައްސަލައެއް ހުރުމުގެ ސަބަބުން އެމީހަކަށް ކަންކަން ނުވަތަ ހުނަރުތައް އެންމެ އެކަށޭނަ ގޮތުގައި ދަސްކުރަން އުނދަގޫވުމެވެ. ޖުމުލަކޮށް އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރުން(general learning disability) ނުވަތަ އުނގެނުމުގެ ނުކުޅެދުންތެރިކަމަކީ ސިކުނޑީގެ އުނިކަމެއްގެގޮތުގައި، ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަމެއްގެ ގޮތުގައިވެސް ބެލެވިފައިވެއެވެ. މިކަމަށް ޖެނެރަލް ނުވަތަ ގްލޯބަލް ޑިވެލޮޕްމެންޓަލް ޑިލޭ އޭވެސް ކިޔައެވެ. އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކަންކަން ނަގައިގަތުމާއި، ދެނެގަތުމާއި އަދި ކަންކަން ދަސްކޮށްގެން ކަންކަން ކުރުން އެކުދިންގެ އުމުރުފުރައިގެ އެހެންކުދިންނަށްވުރެ އުނދަގޫކަން ފާހަގަ ކުރެވޭނެއެވެ. އެހެނިހެން ކުދިންނާއި ޒުވާނުންނެކޭ އެއްފަދައިން، އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން އެކުދިންގެ ޅައުމުރުގައިވެސް ކަންކަން އުނގެނި ދަސްކޮށް ނަފްސު ތަރައްގީ ކުރާނެއެވެ. އެހެންނަމަވެސް މިފަދަ ކުދިންނަށް ކަންކަން އުނގެނި ދަސްކޮށް ތަރައްގީވެވެނީ އެހެން ކުދިންނަށްވުރެ ލަހުންނެވެ.
އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރު އެކި ކުދިންގެ ކިބައިގައި ވަރަށްބޮޑަށް ތަފާތުވެދާނެއެވެ. ބައެއް ކުދިންނަށް ވާހަކަ ދައްކަން ދަސްނުވެ، އެކުދިން ބޮޑެތިވާއިރުވެސް ކެއުމާއި، ހެދުންއެޅުމާއި އަދި ފާހާނާއަށްދިއުން ފަދަ އެކުދިން އަމިއްލައަށް ކުރަންޖެހޭ ކަންކަން ކުރުމުގައިވެސް އެހެން މީހުންގެ އެހީތެރިކަން ހޯދަންޖެހެއެވެ. ބައެއްކުދިންގެ ކިބައިގައި މި ނުކުޅެދުންތެރިކަން ހުންނަ މިންވަރު ވަރަށް ކުޑަވުމުގެ ސަބަބުން އެކުދިން ބޮޑުވެގެންދާއިރު އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްފާނެއެވެ.
އުނގެނުމުގެ ނުކުޅެދުންތެރިކަމަކީ ވިސްނުމުގެ ގާބިލިއްޔަތު ދަށްކޮށް، ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމަށް ދަތިވާ ހާލަތެކެވެ. މިސާލަކަށް ގޭތެރޭގައި ކުރެވޭ ކަންތައްތައް، ފައިސާ ގެންގުޅުން، އެހެން މީހުންނާއި ގުޅުން ދެމެހެއްޓުން ފަދަ ކަންކަން ރަނގަޅު ގޮތުގައި ފުރިހަމަ ނުކުރެވެއެވެ. ނޫނީ ފުރިހަމަ ކުރުމަށް ދަތިވެއެވެ.
އާންމުކޮށް އުނގެނުމުގެ ނުކުޅުދުންތެރިކަން ހުރުމާއި، ވަކި ޚާއްޞަ ކަމެއް ނުވަތަ ކަންތައްތަކެއް ދަސްކުރަން އުނދަގޫވުން ނުވަތަ ސްޕެސިފިކް ލާރނިންގ ޑިސްއެބިލިޓީ މިއީ މުޅިން ތަފާތު ދެކަމެކެވެ. ސްޕެސިފިކް ލާނިންގ ޑިފިކަލްޓީ އަކީ ވަކި ހާއްސަ ކަމެއް ނުވަތަ ކަންތަކެއް ދަސްކުރަން އުނދަގޫވުމެވެ. މިފަދަ ކުދިންނަށް އެހެން ހުރިހާ ކަންކަމެއް އެހެން ކުދިންނެކޭ އެއްފަދައިން ދަސްކޮށްގަނެވެއެވެ. މިސާލަކަށް މިފަދަ ކުއްޖަކަށް އެހެން ކުދިންނެކޭ އެއްފަދައިން ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ދަސްކުރެވޭއިރު ލިޔެފައިހުންނަ އެއްޗިހި ކިޔަން ނުވަތަ ލިޔަން އުނދަގޫވެ، ނުވަތަ ދައްކާ ވާހަކަ ނަގައިގަތުމުގައި އުނދަގޫތަކެއް ހުރެދާނެއެވެ.
އުނގެނުމުގެ ނުކުޅެދުންތެރިކަމަކީ ސިކުނޑިން މައުލޫމާތުތައް ފޮނުވައި، ބަލައިގަނެ، ދޭހަވުމަށް އަސަރުކުރުވާ ސިކުނޑީގެ ބައްޔެކެވެ. ނުވަތަ ހާލަތެކެވެ. އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔުން، ލިޔުން، ވާހަކަ ދެއްކުން، އަޑުއެހުން އަދި ދޭހަވުމުގައި މައްސަލަތަކާ ނޫނީ ދަތިތަކާ ކުރިމަތި ވެއެވެ. އުނގެނުމުގެ ނުކުޅެދުންތެރިކަމުގެ ތެރޭގައި ވަރަށް ތަފާތު ވައްތަރުތައް ހިމެނެއެވެ. އޭގެ ތެރޭގައި އަންނަނިވި ބާވަތްތައް ނޫނީ ވައްތަރުތައް ފާހަގަކޮށްލެވެއެވެ.
- ކިޔަން ދަތިވުން
- ޖިސްމާނީ ހަރަކާތްތައް ރާވައި، ވިލަރެސްކޮށް ހިންގަން ދަތިވުން
- ހިސާބު މައްސަލަތައް ހައްލުކުރަން ދަތިވުން
- ލިޔަން ދަތިވުން
އާންމުކޮށް އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރިނަމަ ކިޔުން، ލިޔުން، ހިސާބު އަދި އެހެން ހުނަރުތައް ދަސްކުރުމުގައި މައްސަލަތަކާއި ދިމާވެއެވެ. ބައެއް ފަހަރު މިއިން އެއް މައްސަލައަށް ވުރެ ގިނަ މައްސަލަ އެކުގައި އެކަކަށް ކުރިމަތިވެދާނެ އެވެ.
ސަބަބު
ގިނަ ކުދިންނަށް އުނގެނުމުގެ ނުކުޅެދުންތެރިކަން ދިމާވާ ސަބަބު ސީދާ ދެނެގަނެވިފައި ނުވެއެވެ. އެހެންނަމަވެސް ވިރާސީ ބަހާއެއްގެ ސަބަބުން، އިންފެކްޝަނެއްގެ ސަބަބުން އަދި ވިހެއުމުގެ ކުރިން ނުވަތަ ވިހެއުމުގެތެރޭގައި ނުވަތަ ވިހެއުމަށްފަހުވެސް ސިކުނޑިއަށް ލިބޭ އަނިޔާއެއްގެ ސަބަބުން ބައެއް ކުދިންނަށް މިކަން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ޑައުންސް ސިންޑްރޯމް، ފްރެޖައިލް އެކްސް ސިންޑްރޯމް އަދި ސެރެބްރަލް ޕަލްސީ އަކީ މީގެ މިސާލުތަކެވެ.
އުނގެނުމުގެ ނުކުޅުދުންތެރިކަން ދިމާވާ ސަބަބުތައް
(ހ) ވާރުތަވުން : އާއިލާގެ މެންބަރުންގެ މެދުގައި ޚާއްޞަކޮށް މައިންބަފައިންގެ ތެރެއިން މީހަކަށް އުނގެނުމުގެ ދަތިކަން ކުރިމަތިވި ނަމަ އެމީހުންގެ ދަރިންނަށް އުނގެނުމުގެ ދަތިކަން ނުވަތަ ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ ހިރާސް އޮވެއެވެ.
(ށ) ވިހެއުމުގެ ތެރޭގައި އަދި އޭގެ ފަހުން ދިމާވާ ޞިއްޙީ މައްސަލަތައް : މާބަނޑު ދުވަސްވަރު، ވިހެއުމުގެ ތެރޭގައި އަދި ވިހެއުމަށްފަހު ނަމަވެސް ސިކުނޑިއަށް އަނިޔާވުމަކީ އުނގެނުމުގެ ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރު މަސްތުވާތަކެތި ބޭނުންކުރުން، ބަނގުރާ ބުއިން، ޖިސްމާނީ އަނިޔާއެއް ލިބުން މިސާލަކަށް އެކްސިޑެންޓެއްވުން، ރަހިމުގައި ތުއްތު ދަރިފުޅު ހެދިބޮޑުވުން ލަސްވުން، އުފަންވާއިރު ބަރުދަން ލުއިވުން، އަދި ދުވަސްނުފުރާ އުފަންވުމަކީ ވެސް އެކަމުގެ ސަބަބުން އުނގެނުމުގެ ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. ވިހެއުމުގެ ތެރޭގައި ދިމާވާ ކަމަކުން ހަށިގަނޑަށް ލިބެންޖެހޭ ވަރަށް އޮކްސިޖަން ނުލިބުމަކީ ވެސް އުނގެނުމުގެ ނުކުޅެދުންތެރިކަން އެފަދަ ކުއްޖަކަށް ކުރިމަތިވެދާނެ ކަމެކެވެ.
(ނ) ތުއްތު އިރު ދަރިފުޅަށް ދިމާވާ ފިއްތުންތައް : މިސާލަކަށް އެންމެ ތުއްތު އިރު ނުފިލާ ދިގުދެމިގެންދާ ގަދަ ހުމެއް ޖެހުން، އިންފެކްޝަނެއް ޖެހުން، ފިޓްޖެހުން، ބޮލަށް އަނިޔާވުން އަދި ރަނގަޅުކާނާ ނުލިބުމަކީ އުނގެނުމުގެ ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ.
(ރ) ދިރިއުޅޭ ވެށިން ހުށަހެޅޭ މާއްދާތައް : ދިރިއުޅޭ ވެށިން ހުށަހެޅޭ ތަފާތު މާއްދާތައް މިސާލަކަށް ދަވާދު، މުށި، އަދި ކުޅޭ އެއްޗެހީގެ ތެރެއިން ތިމަރަ އަށް ހުށަހެޅުމަކީ އުނގެނުމުގެ ނުކުޅެދުންތެރިކަން ކުރިމަތިވުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ.
(ބ) އެހެން ޞިއްޙީ މައްސަލައެއް ހުރުން : މިސާލަކަށް އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑަރ ހުންނަ ވަރަށް ގިނަކުދިންގެ ކިބައިގައި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކަން ފާހަގަ ކުރެވެއެވެ.
އަލާމާތްތައް
އާންމު ގޮތެއްގައި ކޮންމެ ކުއްޖަކުވެސް ހެދިބޮޑުވަމުން އަންނަ އިރު އެކުއްޖެއްގެ އުމުރާ އެއްވަރަށް ހާޞިލްވާންޖެހޭ ލަނޑުދަނޑިތަކެއް ހުރެއެވެ. ނޫނީ ހާޞިލްވާންޖެހޭ ކަންތައްތަކެއް ހުރެއެވެ. އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ފުށުން ހެދިބޮޑުވުމުގައި ހުންނަ މިފަދަ ކަންތައްތައް މިސާލަކަށް ވާހަކަދެއްކުން، ކިޔުން، ލިޔުން އަދި އަޑުއެހުމާއި ދޭހަވުން ފަދަ ކަންތައްތައް ލަސްވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދިމާވާ އަލާމާތްތައް އެކުއްޖާގެ އުމުރުފުރާ އާއި، ސުކޫލް މަރުހަލާ އާޢި ގުޅިގެން ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ ތަފާތު ވާނެއެވެ.
ޕްރީ ސުކޫލް އުމުރުފުރާ
ޕްރީ ސުކޫލް އުމުރުފުރާގެ ކުދިންގެ ކިބައިން ޕްރީ ސުކޫލް ދުވަސްވަރު އަންނަނިވި ކަންތައްތަކުން ދަތިތަކާއި ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ އަންނަނިވި އަލާމާތްތައް ފާހަގަވެދާނެ އެވެ.
- އާންމުކޮށް ވާހަކަ ދައްކާ އުމުރުގައި ވާހަކަ ދެއްކުން ( މިސާލަކަށް : ވާހަކަ ދެއްކުން ލަސްވުން )
- ސާދާ ބަސްތައް ބުނުން ( މިސާލަކަށް : ސާދާ ބަސް ބަސް ވެސް ނުބުނުން ނޫނީ ނުކިޔުން )
- އަކުރުތަކާއި ބަސްތައް ނަގައިގަތުން / ދޭހަވުން ( މިސާލަކަށް : އަކުރުތަކާއި ބަސްތައް ދޭހަނުވުން)
- ނަންބަރު، ލަވަ، ޅެން ދަސްކުރުން ( މިސާލަކަށް : ލަވަ، ޅެން، ނަންބަރު ދަސްކުރަން ދަތިވުން)
- ވަކިކަމަކަށް ސަމާލުކަން ދިނުން ( މިސާލަކަށް : ވަކިކަމަކަށް ސަމާލުކަން ނުދެވުން )
- އަތްފައި ބޭނުންކޮށްގެން ފުރިހަމަކުރާ ކަވި މަސައްކަތްތައް ކުރުން ( މިސާލަކަށް : މިފަދަ މަސައްކަތްތައް ނުކުރެވުން)
ޕްރައިމަރީ ސުކޫލް އުމުރުފުރާ
ޕްރައިމަރީ ސުކޫލް އުމުރުފުރާގެ ކުދިންގެ ކިބައިން އަންނަނިވި ކަންތައްތައް ފުރިހަމަކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިދާނެ އެވެ. ނޫނީ އަންނަނިވި އަލާމާތްތައް ފެނިދާނެ އެވެ.
- އަކުރުތަކާއި އަޑުތައް ގުޅުވަން ނޭގުން
- އެއްގޮތް އަޑު ހުންނަ ބަސްތައް ތަފާތުކުރަން ނޫނީ ވަކިކުރަން ނޭނގުން
- ރަނގަޅަށް ރީތިކޮށް ކިޔަން ނޫނީ ލިޔަން ނޭނގުން
- ކަނާތް އަދި ވާތް ފަރާތް ވަކިކުރުން މިސާލަކަށް 25 އާއި 52 އޮޅުން، ބީ އާއި ޑީ އޮޅުން
- އިގިރޭސި ބަހުގެ އެސް އަކުރާއި ހިސާބު އަކުރު ގެ 5 އާއި އޮޅުވާލުން
- އިގިރޭސި، އަރަބި، ދިވެހި ނޫނީ އެމީހެއްގެ ބަހެއްގެ އަސާސީ އަކުރުތައް ވަކިކުރަން ނޭނގުން
- ހިސާބުގައި ހުންނަ ރަމްޒުތައް އެކަށޭނަ ގޮތުގައި ބޭނުންކުރަން ނޭނގުން
- ނަންބަރު ތައް ނޫނީ އަދަދުތައް ހަދާންކުރަން ދަތިވުން ނޫނީ ހަދާން ނުހުރުން
- އާ ހުނަރުތައް ދަސްކުރުމުގައި އެހެން ކުދިންނަށްވުރެ ލަސްވުން
- ޅެން ނޫނީ ސުވާލުތަކުގެ ޖަވާބު ހަދާނުގައި ނުހުރުން
- ވަގުތާއި ގަޑީގެ ފަލްސަފާ އޮޅުން ނުފިލުން ނޫނީ ދޭހަނުވުން
- އަތާއި، ލޮލުގެ ވިލަރެސްކަން ގެއްލުން : ދުރުމިން ނޫނީ ބާރުމިން ކޮންޓްރޯލްކުރަން ނޭނގުން
- ފަންސުރުގައި ހިފުން، ގޮށްއެޅުވުން، ނާޑުވާ އެޅުވުން ފަދަ ކަންކަން ފުރިހަމަކުރުމުގައި ދަތިތަކާ ކުރިމަތިވުން
- ވަކި ކަމެއްގައި ނޫނީ ވަކި އެއްޗަކަށް މާބޮޑަށް ޝައުގުވެރިކަން ހުރެގެން އުޅުން
މެދުމަދަރުސީ އުމުރުފުރާ
މެދު މަދަރުސީ އުމުރުފުރާގެ ކުދިންގެ ފުށުން އަންނަނިވި އަލާމާތްތައް ފާހަގަވުމަކީ އެކަށީގެންވާ ކަމެކެވެ.
- އެއްގޮތަށް ކިޔޭ ތަފާތު ބަސްތައް ކިޔަން ދަތިވުން
- ސަފިކްސް ޕްރިފިކްސް ބޭނުންކުރަން ނޭނގުން
- ބާރަށް ކިޔަން އުނދަގޫވުން، އެސައިންމެންޓް ލިޔަން ދަތިވުން، ހިސާބު މައްސަލައެއް ހައްލުކުރަން ނޭނގުން
- އަތުލިޔުމުގައި މައްސަލަތައް ދިމާވުން ނޫނީ އުދަނގޫވުން / ވަރަށް ބާރަށް ފަންސުރުގައި ހިފަހައްޓައިގެން ލިޔުން
- ކުރިން އެނގިފައި ހުންނަ ހަގީގަތްތައް ބަޔާންކޮށް ބުނެދޭން ނޭނގުން
- ހަށިގަނޑުގެ ބަހުރުވަ، އަދި މޫނުމައްޗަށް އަންނަ ބަދަލުތައް ދެނެގަންނަށް ނޭނގުން
- ކިޔެވުމުގެ މާހައުލުގައި އެކަށޭނަ ޖަޒުބާތީ ޝުއޫރުތައް ފާޅުކުރަން ނޭނގުން
މަތީ ސާނަވީ އުމުރުފުރާ
މަތީ ސާނަވީ އުމުރުފުރާގެ ކުދިންގެ ކިބައިން އަންނަނިވި އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
- ރަނގަޅަށް ބަސްތައް "ސްޕެލް" ކުރަން ނޭނގުން : މިސާލަކަށް އެއް އެސައިންމެންޓެއްގައި އެއްބަހެއް ތަފާތުކޮށް ސްޕެލްކޮށްފައި ހުރެދާނެއެވެ.
- އެކިކަންކަން ލިޔެ، ކިޔަން ނޫނީ ހާމަކުރަން ނުވަތަ ބުނަން ނޭނގުން
- ސުވާލުތަކަކަށް ޖަވާބުދޭން، ނޫނީ އެއްޗެއް ކިޔާފައި އެއިން ދޭހަވިއެއްޗެއް އަމިއްލަ އިބާރާތުން ލިޔެލަން، ނޫނީ އެއްޗެއް ކިޔާފައި އެކިޔުނު އެއްޗެއް ކުރުކޮށް ބުނެދޭން ނޫނީ ލިޔެދޭން ނޭނގުން
- ހަދާންނުހުރުން
- އާތަނަކަށް ހޭނެން އުދަނގޫވުން
- އެބްސްޓްރެކްޓް ކޮންސެޕްޓް ދޭހަނުވުން
- ބައެއް ކަންކަމަށް ސަމާލުކަން ކުޑަވެ، އެހެން ބައެއް ކަންކަމަށް މާބޮޑަށް ސަމާލުކަން ދިނުން
އާންމުކޮށް ފެނިދާނެ އަލާމާތްތައް
- ކިޔުން، ލިޔުން، ސްޕެލްކުރުން ފަދަ ކަންކަން އުމުރާ ، ކިޔަވާ ގުރޭޑަށް ރިއާޔަތްކޮށް އެކަށޭނަ ވަރަށް ހާޞިލްނުވުން
- ބުނާގޮތް ހަދަން ނޭނގުމާއި، ބުނާއެއްޗެހި ދޭހަނުވުން
- ދާދި ދެންމެއަކު ބުނިއެއްޗެއް ނޫނީ ކިޔައިދިން އެއްޗެއްވެސް ހަދާންނުހުރުން
- ހިނގުން، ކުޅިވަރުކުޅުން، ތަފާތު ހުނަރުތައް ފަދަ ކަންކަން ފުރިހަމަކުރުމުގައި ވިލަރެސްކަމެއް ނެތުން
- ހޯމްވޯކް ހަދަން ހަދާންނުހުރުން، ސުކޫލް އެއްޗެހި ގޭގައި ބެހެއްޓުނު ތަން ނޭނގުން
- ގަޑިއާއި ވަގުތު ހިނގާގޮތް އޮޅުން ނުފިލުން
- ހިސާބު، ލިޔުން، ކިޔުން ފަދަ ކަންކަން ހިމެނޭ ހޯމްވޯކްތައް ފުރިހަމަކުރުމަށް ދެކޮޅުހެދުން
- ސުކޫލްގައި ކިޔަން، ލިޔަން، ހިސާބު މަސައްކަތެއް ހަދަން ޖެހުމުން ފަސްޖެހި އުދަނގޫވެގެން އުޅުން
އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރުމުގެ ސަބަބުން ދިމާވާ ކަންތައް
އާންމުކޮށް އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޒުވާނުންނަށް އެކުދިންގެ ވަށައިގެން ހިނގާ ކަންކަން ރަނގަޅަށް އެނގޭނެއެވެ. އެހެންނަމަވެސް އެކުދިންނަށް އެކަންކަން ނަގައިގަނެ އެހެންމީހުނަށް ކިޔައިދޭން އުނދަގޫވެދާނެއެވެ. އަދި ހަމަ އެހެންމެ އެކުދިންގެ ވިސްނުމަށް އަންނަ ކަންކަންވެސް އަނެކުންނަށް ކިޔައިދޭން އުނދަގޫވެދާނެއެވެ. ވާހަކަ ދެއްކުމުގައި މައްސަލަ އުޅޭނަމަ މިފަދަ ކުދިންނަށް އެކުދިންގެ އިހުސާސްތަކާއި ބޭނުންތައް އެހެން މީހުނަށް ކިޔައިދޭން އަދި މާބޮޑަށް އުނދަގޫ ވާނެއެވެ. މިފަދަ ކުދިން އެކުދިންގެ ކިބައިގައި ހުންނަ އުނިކަމުގެ ސަބަބުން ނުތަނަވަސްވެ، ދެރަވެ، އަމިއްލަ ނަފްސާއިމެދު ފޫހިވުންވެސް އެކަށީގެންވެއެވެ. އަދި އެކުދިން އަމިއްލައަށް އެހެން ކުދިންނާއި އަޅާކިޔައި އަމިއްލަ ނަފްސާއިމެދު ދެރަވެ، ރުޅިއައިސް އަމިއްލަ ނަފްސާއިމެދު ގޯސް ގޮތްގޮތަށް ދެކެންފެށުންވެސް އެކަށީގެންވެއެވެ.
ކުއްޖެއްގެ ކިބައިގައި ޖެނެރަލް އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަކަން އެނގޭ ހިސާބުން ބެލެނިވެރިޔާއަށް އުނދަގޫތަކާއި ކުރިމަތިވާނެއެވެ. ކުއްޖާގެ ކަންތައް ހުންނަ ގޮތުން އެކުއްޖާގެ ކަންތައް އެގޮތަށް އެހުންނަނީ ކީއްވެގެންކަން ދެނެގަންނަން ބެލެނިވެރިންނަށާއި އާއިލާގެ އެހެން މެންބަރުންނަށް ވަރަށް އުނދަގޫވެދާނެއެވެ. މިފަދަ ކުދިންނާއި މުއާމަލާތުކުރަންވެސް އެމިހުނަށް އުނދަގޫވެދާނެއެވެ. އަދި ހަމަ އެހެންމެ އެފަދަ ކުދިންގެ ބިހޭވިއަރ މެނޭޖްކުރުމަކީވެސް އުނދަގޫ ކަމަކަށް ވެދާނެއެވެ. އަދި ކުއްޖާގެ ކަންކަން ރަނގަޅަށް ނޭނގޭ މީހުނަށް ކުއްޖާ ކުރާ ކަންތައްތައް އެކުރަނީ ކީއްވެގެންކަން ނޭނގުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މިފަދަ ކުދިންގެ ސަބަބުން އާއިލާގެ އެހެން ކުދިންނަށްވެސް މައްސަލަތައް މެދުވެރިވުން އެކަށީގެންވެއެވެ. ކުއްޖާއަށް ބެލެނިވެރިން ދޭންޖެހޭ ހާއްސަ ސަމާލުކަމުގެ ސަބަބުން އެހެން ކުދިން ހަސަދަވެރި ވެދާނެއެވެ. އަދި ކުއްޖާ އުޅޭ އުޅުމުގެ ސަބަބުން އެހެންކުދިން ބައެއްފަހަރު ލަދު ގަންނަންވެސް ޖެހިދާނެއެވެ. ބައެއް ހާލަތްތަކުގައި ކުއްޖާގެ އާއިލާގެ އެހެން ކުދިން ސްކޫލުގައި ޓެސްޓް ކުރުންވެސް އެކަށީގެންވެއެވެ. އަދި މި މައްސަލަ ހުންނަ ކުއްޖާގެ އުނިކަމަކީ، ނުވަތަ އޭގެ ސަބަބުން ބެލެނިވެރިން އުފުލަންޖެހޭ ތަކުލީފަކީ ތިމާމެންގެ ސަބަބުން ދިމާވާ ކަމެއްގެ ގޮތުގައި އާއިލާގެ އެހެން ކުދިންނަށް ވިސްނި، އެކަމާ އެކުދިން މާބޮޑަށް ފިކުރުކުރުންވެސް އެކަށީގެންވެއެވެ.
ދެނެގަތުން
އުނގެނުމުގެ ނުކުޅެދުންތެރިކަން ދެނެގަތުމަކީ ބުރަ މަސައްކަތެކެވެ. އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ފެނުން، އަޑުއިވުން، ވާހަކަ ދެއްކުން އަދި ހެދިބޮޑުވުމާއި ގުޅުންހުރި ކަންކަން ހުރިނެގޮތް ބެލުމެވެ. ސަބަބަކީ މިފަދަ ކަންކަމަކީ އުނގެނުމުގެ ނުކުޅެދުންތެރިކަން ދެނެގަތުމަށް ހިޔަނި އެޅޭނެ ކަންކަމަށްވުމެވެ. މިކަންކަން ހުރިނެތްގޮތް ދެނެގަތުމަށްފަހު ދެން ކުރެވޭނެ ކަމަކީ ސައިކޯ އެޑިޔުކޭޝަނަލް އެސެސްމަންޓް ހެދުމެވެ. ސައިކޯ އެޑިޔުކޭޝަނަލް އެސެސްމަންޓް ގެ ތެރެއިން އެކަޑެމިކް އެޗީވްމަންޓް ޓެސްޓް، އަދި އިންޓަލެކްޗުއަލް ކެޕެބިލިޓީ ދެނެގަނެވެއެވެ. މިޓެސްޓުތަކުގެ އެހީގައި ކުއްޖާގެ ތޫނުފިލިކަމާއި، އުނގެނުމުގެ ގާބިލިއްޔަތާއި ދެމެދު ތަފާތު ކަމެއް ނޫނީ ހުސްކަމެއް ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ.
ފަރުވާ
އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށް ގޭތެރެއިންނާއި ސުކޫލް މާހައުލުން ތަފާތު އެހީތައް ފޯރުކޮށްދެވިދާނެ އެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކާއި، ފޯރުކޮށްދެވިދާނެ އެހީތައް ތިރީގައި މިވަނީ އެވެ.
އިތުރުއެހީ ފޯރުކޮށްދިނުން : އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ އިތުރު އެހީ ސުކޫލްތަކުންނާއި، ގޭތެރެއިން އެފަދަ ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ އެކަމުން މަންފާ ކުރާނެ ކަމެކެވެ.
އިންޑިވިޖުއަލައިޒްޑް އެޑިޔުކޭޝަން ޕްރޮގްރާމް : މިއީ އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އަމާޒުކޮށް ކޮންމެ ދަރިވަރަކަށް ވަކިން ތައުލީމު ހާޞިލްކުރުމުގައި ބޭނުންކުރެވިދާނެ ޚާއްޞަ ގޮތްތައް ކަނޑައަޅައި އެގޮތަކަށް އެފަދަ މައްސަލަ ހުންނަ ދަރިވަރުންނަށް ވަކިވަކިން އުގަންނައިދިނުމެވެ.
ތަފާތު ތެރަޕީތައް : އެކުއްޖެއްގެ ކިބައިގައި ހުންނަ އުނގެނުމުގެ ނުކުޅެދުންތެރިކަމަށް ބަލައި، އެކި ދަރިވަރުންނަށް ތަފާތު ތެރަޕީތައް ފޯރުކޮށްދޭން ޖެހިދާނެ އެވެ. އެގޮތުން ސްޕީޗް ތެރަޕީ، އަދި އޮކިޔުޕޭޝަނަލް ތެރަޕީ އިން އެފަދަ ދަރިވަރުންނަށް އެހީތެރިކަން ނޫނީ ކުރިއެރުން ލިބެއެވެ.
އޯޓަނޭޓިވް ތެރަޕީ : އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް މިއުޒިކް، އާޓް، ޑާންސް ފަދަ ކަންތައްތަކުން ފައިދާކުރާމަށް ދިރާސާތަކުން ދައްކައެވެ.

