ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ހުޅުވާލި މުއްދަތުގެ ސުންގަޑި ހަމަވިއިރު 48 ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
މާލީ ބަޔާން ހުށަހަޅަން، ގާނޫނުގައިވާ ގޮތުގެ މަތިން އިލެކްޝަންސުން ދިން މުއްދަތު ހަމަވީ ބުދަ ދުވަހުގެ ދަންވަރު 12:00 ޖަހާއިރެވެ. މަޖިލިސް އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަކުރި އިރު ސުންގަޑިއަށް މާލީ ބަޔާން ހުށަހެޅީ 320 ކެންޑިޑޭޓުން ކަމަށް އިލެކްޝަންސުން ބުންޏެވެ.
"ސަން" ނޫހާ ހަވާލާދީ އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ، އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މާލީ ބަޔާން ހުށަހެޅުމަށް އިތުރު ވަގުތެއް އީސީއަކަށް ނުދެވޭނެ ކަމަށެވެ. އެހެންކަމުން ސުންގަޑީގެ ފަހުން މާލީ ބަޔާން ހުށަހެޅި ކެންޑިޑޭޓުންގެ މާލީ ބަޔާން ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ އާއި އެ ފަރާތްތަކަށް ފިޔަވަޅެއް އަޅާނީތޯ އީސީން ނިންމާނެ ކަމަށް ހަސަން ވިދާޅުވިއެވެ.
އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން މާލީ ބަަޔާން އިލެކްޝަންސަށް ހުށަހެޅުމަކީ ގާނޫނުން ލާޒިމުކޮށްފައިވާ ކަމެކެވެ.
މާލީ ބަޔާން ހުށަނާޅާ ނަމަ ނުވަތަ އޭގައި ދޮގު މައުލޫމާތެއް ހިމެނޭ ނަމަ އިލެކްޝަންސަށް އެ ކެންޑިޑޭޓަކަށް ދައުވާ ކުރަން ފޮނުވޭނެ އެވެ. އެ ކުށުގެ އަދަބަކީ އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ 72،000ރ. އިން ޖޫރިމަނާކުރުމެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަދުތަކަށް ފައިސާ ލިބޭ މަސްދަރުތައް ސާފުނުވާ ކަމާއި، ކެމްޕެއިންގެ ހާމަކަމާ ގުޅިގޮތުން އާއްމުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.
މާލީ ބަޔާނުގެ މައްސަލާގައި ދައުވާ ކުރަން ފޮނުވައިގެން ފިޔަވަޅު އެޅުން ވެސް ލަސްވާތީ، އީސީއަށް ލިބިދޭ ބާރުގެ ތެރެއިން ފުރަތަމަ ފިޔަވަޅަކަށް ވެސް ފުރިހަމަ ނޫން މާލީ ބަޔާންތަކަށް ޖޫރިމަނާކުރުމަށް ނިންމާފައިވެ އެވެ.

