ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގެ ކުޑަ ދޮރުން ސިޑިގޮޅިއަށް ކުޑަ ކުއްޖަކު ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ ވައިރަލް ވުމާއެކުހެން އެ ކުއްޖާގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
އާންމުވި ވީޑިޔޯ އިން ފެންނަނީ ކުޑަ އަންހެން ކުއްޖެއް ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގެ ކުޑަ ދޮރުން ސިޑިގޮޅިއަށް ފައިބާ މަންޒަރެވެ. ފުރަތަމަ ފަންގިފިލާގެ އެޕާޓްމަންޓަކަށް ވީ ނަމަވެސް އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އަދި ކުއްޖާ ވެއްޓުނު ނަމަ އަނިޔާވެ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އެ މައްސަލަ ބަލަން ޖެހޭ ކަމަށާ އެކަން ތަކުރާރު ވުމުގެ ފުރުސަތު ނުދިނުމަށް ސޯޝަލްމީޑިޔާގައިވެސް މީހުން ދަނީ ގޮވާލަމުންނެވެ.
ފުލުހާއި ޖެންޑާ މިނިސްޓްރީން ރޭ ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
މިކުއްޖާ ތަކުރާރުކޮށް އެކަން ކުރަމުން ދާތީ އެކަން ޖެންޑާގެ ސަމާލު ކަމަށް ކުރީން ވެސް ވަނީ ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

