ސިނަމާލެ ބުރިޖާ ދިމާލުން ކަނޑުމަތިން މީހަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ ކަނޑުމަތިން އޮޔާ ދަނިކޮށް ފެނުނު މީހަކު ސަލާމަތްކޮށްފައިވާ ކަމަށާއި އެމީހާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި ވާހަކަ ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 12:35 ހާއިރުކަމަށެވެ.
މިވޭތުވެދިޔަ ދެތިން ދުވަހު މޫދަށް ގެނބިގެން ތިން މީހަކު މަރުވެފައިވާއިރު އޭގެ ތެރެއިން އެކަކީ ދިވެހި ޒުވާނެކެވެ. ދެ ފަތުރުވެރިޔަކު ގެނބިގެން މަރުވިއިރު އެ ޒުވާނާ މަރުވީ ގެނބެމުން ދިޔަ ފަތުރުވެރިޔަކު ސަލާމަތްކުރަން މަސައްކަތް ކުރަނިކޮށެވެ.
މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރަށް ވާތީ ކަނޑުދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މޫދަށް ފޭބުމާއި ދަތުރު ދިއުން ފަދަ ކަންކަން ނުކުރުމަށް ވެސް ފުލުހުން ވަނީ ތަކުރާރުކޮށް ނަސޭހަތްތެރި ވެފައެވެ.

