ކުރިއަށް އޮތް ވިހި ވަނަ ރައްޔިތުންގެ މަޖިލިސް ފަށާއިރު، އިކޮނޮމިކް މިނިސްޓްރީ އެ މަޖިލިހަށް އެންމެ ފުރަތަމަ ފޮނުވާނެ އެއް ބިލަކީ ފައިނޭޝިއަލް ސާވިސަސް އޮތޯރިޓީގެ ބިލް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓރ ސައީދު މިހެން ވިދާޅުވެފައި ވަނީ މިއަދު އެ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ސައީދު ވިދާޅުވީ ފައިނޭންޝިއަލް އިންސްޓިޓިއުޓް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެއާ ގުޅޭ ގާނޫނީ އޮނިގަނޑު ގާއިމު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ސައީދު ވިދާޅުވީ، ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީގެ ބިލަކީ މަޖިލިސް ހުޅުވޭއިރު ގާނޫނަކަށް ހެދުމަށް އެންމެ ފުރަތަމަ ގެންނާނެ އެއް ބިލުކަމުގައެވެ.
އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ދަށުން ހިންގާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) އަކީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމު ކުރުމަށްޓަކައި ރައީސް ޑރ. މުއިއްޒު މި އަހަރު ތެރޭގައި އުފައްދަން ނިންމެވި އިދާރާއެކެވެ. އެ އިދާރާގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވަނީ އައްޔަން ކުރައްވައިފައެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ތައާރަފްކުރުމަކީ ރައީސް މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ ކަމަކަށްވާއިރު، މިދިޔަ މަހު ވަނީ ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް ހާއްސަ އޮތޯރިޓީއެއްވެސް ހަމަޖައްސާފައެވެ. އަދި ހަމައެހެންމި އިކޮނޮމިކް މިސްޓަރު ސައީދު މީގެ ދެމަހެއްހާ ދުވަސް ކުރިން މި އަހަރުތެރޭގައި ރާއްޖޭގައި ޑިވެލޮޕްމަންޓު ބޭންކެއް އެޅުމަށްފަހު ޚިދުމަތް ފަށާނެ ކަމަށް ވިދާޅުވެފައިވާއިރު، މިހާރު ކުރިއަށް ދަނީ އެ ބޭންކް ވުޖޫދަށް ގެންނަން ބޭނުންވާ ގަވައިދުތައް އެކުލަވައިލުމުގެ މަސައްކަތްތައް ކަމުގައި މިއަދު ވަނީ ވިދާޅުވެފައެވެ.

