ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތް 2024 މިއަދު ހަވީރު ފަށައިފިއެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ފެށި މި މުބާރާތް ހުޅުވި މެޗުގައި ބައްދަލު ކުރީ އަންހެން ޑިވިޝަނުގެ ބައިން، ކުއީން ބީސް އާއި އިންފިނިޓީ އެވެ. މި މެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ކުއީން ބީސްއެވެ. މެޗުގެ ސެޓުތައް ކުއީން ބީސްއިން ގެންދިޔައީ 25-7، 25-8 އަދި 25-20 އިންނެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ކުއީން އޮފްދަ މެޗަކަށް ހޮވުނީ ކުއީން ބީސްގެ ޖާޒީ ނަންބަރު 11 އާޝީ އަޝްރަފެވެ.

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ އާއި މިނިސްޓްރީ އޮފް ސްޕޯޓްސްގެ ތިނަދޫ ސިޓީ ސްޓޭޑިއަމް ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހު މިރޭ މުޅިއެކު 2 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަންހެން ޑިވިޝަނުގެ ބައިގައި، ޑީއާރުސީ ވިމެންސް އަދި ފިޓް ފެމިނަައިނެވެ. ދެވަނަ މެޗުގައި ފިރިހެން ޑިވިޝަނުގެ ބައިގައި، ސްކޯޕިއަންސް ނުކުންނާނީ ޑީއާރުސީ މެންސްއާ ދެކޮޅަށެވެ.
މި މުބާރާތުގައި މުޅިއެކު 11 ޓީމް ވަނީ ބައިވެރިވެފައެވެ. އަންހެން ޑިވިޝަނުގައި 5 ޓީމު ވާދަކުރާއިރު ފިރިހެން ޑިވިޝަނުގައި 6 ޓީމު ވަނީ ބައިވެރިވެފައެވެ. ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ޝޫޓިންގް ސްޓަރ، މޯލްޑިވްސް ސްޓަރ، ސްކޯޕިއަންސް، ޑީސީ މެންސް، ސޭމް ސޭމް އަދި ތިނަދޫ ޕޮލިހެވެ.
އަންހެން ޑިވިޝަނުުގަައި ވާދަކުރާ ޓީމުތަކަކީ ފިޓް ފެމިނައިން، އޯލް ސްޓަރ، ޑީއާރުސީ ވިމެންސް، އިންފިނިޓީ އަދި ކުއީން ބީސް އެވެ.
މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ.
ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

