ސިނަމާލެ ބުރިޖު ކައިރިން އޮޔާދަނިކޮށް ނެގި އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.
މި އަންހެންމީހާ ފެނިފައިވަނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ލޯންޗަކަށެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 12:35 ގައެވެ. އެއީ ދިވެހި އަންހެނެއްތޯ ނުވަތަ ބިދޭސީއެއްތޯ އަދި ޔަގީން ނުކުރެވޭ ކަމަށާއި އަދި އެކަން ޔަގީންކުރެވޭތޯ މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަންހެންމީހާ އޮޔާދަނިކޮށް ފެނުމުން އެއްގަމަށް ގެނެސްފައިވަނީ ޑިންގީއެއްގައި ކަމަށްވެއެވެ.
ފާއިތުވި ދެތިން ދުވަސް ތެރޭ މޫދަށް ގެނބިގެން ދެ ފަތުރުވެރިއަކު މަރުވެފައިވާއިރު، އެހެން ފަތުރުވެރިއަކު ސަލާމަތްކޮށްދިނުމުގެ ތެރޭގައި ދިވެހި ޒުވާނަކުވެސް ވަނީ މަރުވެފައެވެ. މިއީ ހުޅަނގުމޫސުމުގެ އެންމެ ގަދަ ދުވަސްވަރަށް ވުމާއެކު ކޮންމެހެން މަޖުބޫރުހާލަތެއްގައި މެނުވީ ދަތުރުނުުކުރުމަށާއި ކަނޑުމައްޗަށް އެރުމުގައި ސަމާލުވެ ރައްކާތެރިވުމަށް ގޮވާލާފައިވާއިރު ތަކުރާރުކޮށް މޫދަށް ނުފޭބުމަށާއި ދަތުރުދިއުން ފަދަ ކަންތައްތައް ނުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

