މާލެސިޓީގެ ސޯސަންމަގު ސައިކަލު ޕާކުކުރާ ސަރަހައްދުގައި ހުރި ގަހެއް ވެއްޓި ސައިކަލްތަކަކަށް ގެއްލުން ވެއްޖެއެވެ.
ރޭ 20:30 ހާއިރު، އެވަގުތު ޖެހެމުންދިޔަ ގަދަ ވަޔާއެކު ގޯމީލް ކެފޭ ތެރެ ހުރި ބިޔަ ގަހުގެ ގޮފިތައް ބިންދައިގެން ގޮސް ވެއްޓުނީ އެތަނާ އިންވެގެން ހުރި ސިންދިތާ ފިހާރަ ކުރިމައްޗަށް ވާ ގޮތަށް އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލު ތަކުގެ މައްޗަށެވެ.
އެ ދިމާލުގައި ހުރި ގިނަ ސައިކަލުތައް ވެއްޓުނު ގަސް ދަށު ވެފައިވާއިރު، އެ ސައިކަލުތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެ ސަރަހައްދުގައި އެވަގުތު، ލަސްތަކެއް ނުވެ ފުލުހުންނާއި މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ހަރަކާތްތެރިވެފައިވާއިރު މާލެ ސިޓީ ކައުންސިލުން ވަނީ ގަސްތައް ވަކިކޮށް ނަގަން އަންގާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ސައިކަލުތަކަށް ލިބުނު ގެއްލުން ފުލުހުން ދަނީ ބަލަމުންނެވެ.
މިދުވަސްވަރަކީ ހުޅަނގުގެ ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭ ވިއްސާރަ މޫސުމެއް ކަމުން މީގެ ކުރިންވެސް ގަސްގަހާއި ގަސްގަހުގެ ގޮފި ވެއްޓި، އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

