ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތް 2024ގެ ނަމުގައި ކުރިއަަށްދާ މި މުބާރާތުގެ ކުޅުން މިއަދު ހަވީރު ފެށި ނަމަވެސް ރަސްމީކޮށް މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮތީ މިރޭ އެވެ.
މުބާރާތުގައި މިރޭ ކުޅުނު މެޗުތަކުގެ ކުރިން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އެވެ.

ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީބޯޅަ މުބާރާތް 2024 ގެ ތެރެއިން/ފޮޓޯ: ރާޅު
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ވަނީ 2 މެޗެއް ކުޅެފައެވެ.

މިރޭ ފުރަތަމަ ކުޅުނީ އަންހެން ޑިވިޝަނުގެ މެޗެކެވެ. ޑީއާރުސީ ވިމެންސްއާ ފިޓް ފެމިނައިން ބައްދަލުކުރި މެޗު ސީދާ 3 ސެޓުން ކާމިޔާބުކުރީ ޑީއާރުސީ ވިމެންސް އެވެ. ސެޓުތައް ގެންގޮސްފައިވަނީ 25-16، 25-20 އަދި 27-25 އިންނެވެ.

ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީބޯޅަ މުބާރާތް 2024 ގެ ތެރެއިން/ފޮޓޯ: ރާޅު
މިރޭކުޅުުނު ދެވަނަ މެޗުގައި ވާދަކުރީ ޑީއާރުސީ މެންސް އަދި ސްކޯޕިއަންސްއެވެ. މިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސްކޯޕިއަންސްއެވެ. ސެޓުތައް ގެންގޮސްފައިވަނީ 10-25، 10-25. އަދި 24-26 އިންނެވެ.
މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ސްކޯޕިއަންސްގެ ޖާޒީ ނަންބަރު 6 އިބްރާހީމް އަހުމަދު އެވެ.
ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ އާއި މިނިސްޓްރީ އޮފް ސްޕޯޓްސްގެ ތިނަދޫ ސިޓީ ސްޓޭޑިއަމް ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި މުޅިއެކު 11 ޓީމް ވަނީ ބައިވެރިވެފައެވެ. އަންހެން ޑިވިޝަނުގައި 5 ޓީމު ވާދަކުރާއިރު ފިރިހެން ޑިވިޝަނުގައި 6 ޓީމު ވާދަކުރެއެވެ. ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ޝޫޓިންގް ސްޓަރ، މޯލްޑިވްސް ސްޓަރ، ސްކޯޕިއަންސް، ޑީސީ މެންސް، ސޭމް ސޭމް އަދި ތިނަދޫ ޕޮލިހެވެ.

ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީބޯޅަ މުބާރާތް 2024 ގެ ތެރެއިން/ފޮޓޯ: ރާޅު
އަންހެން ޑިވިޝަނުުގަައި ވާދަކުރާ ޓީމުތަކަކީ ފިޓް ފެމިނައިން، އޯލް ސްޓަރ، ޑީއާރުސީ ވިމެންސް، އިންފިނިޓީ އަދި ކުއީން ބީސް އެވެ.
މުބާރާތުގެ ކުޅުން މާދަމާ ވެސް ކުރިއަށްދާނެއެވެ. މާދަމާ ހަވީރު ކުޅޭ ފިރިހެން ޑިވިޝަނުގެ މެޗުގައި ޝޫޓިންގ ސްޓާސް ނުކުންނާނީ މޯލްޑިވްސް ސްޓާސްއާ ދެކޮޅަށެވެ.
މާދަމާ ރޭ ދެ މެޗެއް ކުޅޭއިރު އަންހެން ބައިގެ މެޗުގައި ކުއީން ބީސް އިން އޯލް ސްޓާސްއާ ވާދަކުރާއިރު ފިރިހެން ބައިގައި ތިނަދޫ ޕޮލިސް ނުކުންނާނީ ސޭމް ސޭމްއާ ދެކޮޅަށެވެ.
މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ.
ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

