ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ބޮޑު ޗުއްޓީ އަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ފަށައިފި އެވެ.
މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ދިރާސީ އަހަރު މި ފެށީ ސްކޫލުތަކުގައި އާންމުކޮށް ކިޔަވައިދޭ ވަގުތުތައް ކުރުކޮށްލައިގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައި ވަނީ ކުރިއަށް އޮތް ތިން ދުވަހު، ކޮންމެ ސްކޫލެއްގައި ވެސް ގިނަ ވެގެން ތިން ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ.
ދިރާސީ އާ އަހަރު ފެށިއިރު ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 ދަރިވަރުން ކިޔަވާނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ 217 ސްކޫލުގައި 83،000 އެއްހާ ދަރިވަރުން ކިޔަވަމުން އަންނައިރު މީގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނެވެ.
ޕްރައިވެޓް ސްކޫލުތަކުގައި އެލްކޭޖީން ފެށިގެން 12 އާ ހަމައަށް 13،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެ އެވެ. އޭގެ ތެރެއިން 9000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދަނީ މާލޭ ސަރަހައްދުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިއަހަރު މާލެ ސަރަހައްދަށް 2250 ކުދިން ވަނީ ގުރޭޑު 1 އަށް ވައްދާފައެވެ. އަދި ގުރޭޑު 1 ފިޔަވައި އެހެނިހެން ގުރޭޑުތަކަށް ވަނުމަށް 2081 ދަރިވަރަކު ހުށައެޅިކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް އަތޮޅު ތެރެއިން 1,126 ދަރިވަރުން ބަދަލުވެފައިވާ ކަމަށް ވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދޭ ގޮތުގައި މިއަހަރު 12662 މުދައްރިސުން ސްކޫލްތަކުގައި މަސައްކަތް ކުރާނެއެވެ. މީގެ ތެރެއިން ދިވެހި މުދައްރިސުންގެ އަދަދަކީ 10729 އެވެ. އަދި ބިދޭސީ މުދައްރިސުންގެ އަދަދަކީ 1933 އެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ސަރުކާރުގެ 217 ސްކޫލްގެ ތެރެއިން 162 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެ ކަމަށެވެ. އަދި 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެ ކަމަށެވެ. އަދި 6 ސްކޫލެއްގައި ސެޓްލައިޓް މަފްހޫމަށް ކިޔަވައިދޭނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ މި ދިރާސީ އަހަރުގެ ތެރޭގައިވެސް މުދައްރިސުން ތަމްރީނު ކުރުމުގެ ގިނަ ޕްރޮގުރާމުތަކެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަސައްކަތް ވެސް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ދިރާސީ އައު އަހަރުގެ ކިޔެވުން މިއަހަރުގެ 26 ވަނަ ދުވަހު ފަށާއިރު ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އަދި ޖެހިގެން އަންނަ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހު ދެވަނަ ޓާމް ފަށާއިރު މި ދިރާސީ އަހަރުގެ ކިޔެވުން ނިންމާ، ދަރިވަރުންނަށް ރިޕޯޓު ފޮތް ދޭނީ އަންނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ.
ކޮވިޑު 19އާ ގުޅިގެން ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް މިދިޔަ ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން ޖެނުއަރީ މަހު ދިރާސީ އަހަރު ފަށާގޮތަށް މުޅިންހެން ބަދަލު ވާނީ 2026 ވަނަ އަހަރުއެވެ.

