ދިވެހިރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އިންޑިއާއިން އެދިގެން އެކަމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އާ އެއްބަސްވުމެއް (އެފްޓީއޭ) އެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެއްބަސްވުމެއް ގާއިމުކުރުމަށް އިސްވެ އެދުނީ އިންޑިއާގެ ފަރާތުން ކަމަށެވެ.
މިިނިސްޓަރ ވިދާޅުވީ އިންޑިއާ އެކު ވަރަށް ފަހުން ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގައި އިންޑިއާއިން ރާއްޖެއާއެކު ވަކިން ފްރީ ޓްރޭޑް އެގްރީމަންޓްއެއް އެކުލަވާލުމަށް ބޭނުންވާކަން ވަނީ ހާމަކޮށްފައި ކަމަށެވެ.
އިންޑިއާއާއި ރާއްޖެއާއި ދެ ޤައުމަކީވެސް ސައުތް އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް (ސަފްޓާ) ގައި ސޮއިކޮށްފައިވާ 2 ބައިވެރިންނެވެ. 2004 ގައި ސޮއިކުރެވުނު ސަފްޓާ އަކީ ދެކުނު އޭޝިއާ ސަރަހައްދު އިގުތިސޯދީ ގޮތުން ބާރުވެރިކޮށް ވިޔަފާރިއަށް ފަހިކުރުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ.
ރާއްޖެވަނީ ޗައިނާއާއި އެކު ފްރީ ޓްރޭޑް އެގްރީމެންޓެއްގައި 2017 ގައި ސޮއިކޮށްފައެވެ. ނަމަވެސް މިއެގްރިމެންޓަށް އަދި ޢަމަލުކުރަން ފަށާފައެއް ނުވެއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އައު ދައުރު ފެށުމުން މިއެއްބަސްވުމަށް ރުހުން ހޯދުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
ރާއްޖެއިން ދަނީ ތުރުކީއާއި އެކުގައިވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި ތުރުކީއާއިއެކު ހަދާ އެއްބަސްވުމުގެ މިހާރު ހިނގަމުންދަނީ އެންމެ ފަހުގެ މަރުހަލާތަކެވެ.

