ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީބޯޅަ މުބާރާތުުގަައި މިއަދު ހަވީރު ކުޅުނު ފިރިހެން ޑިވިޝަނުގެ މެޗުގައި ޝޫޓިންގް ސްޓާރގެ މައްޗަށް ކުރިހޯދައި މޯލްޑިވްސް ސްޓާރ އިން މޮޅަކާއެކު މުބާރާތް ފަށައިފިއެވެ.
ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުޅުުނު މި މެޗު މޯލްޑިވްސް ސްޓާރ އިން ކާމިޔާބުކުރީ އެއްވެސް އުނދަގުލެއް ނެތި ސީދާ 3 ސެޓުންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-18، 25-09 އަދި 25-12 އިންނެވެ.
މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވުނީ މޯލްޑިވްސް ސްޓާރގެ ޖާޒީ ނަންބަރު 17 އާދަމް ޝަރީފެވެ.

މި މުބާރާތުގެ ކުޅުން މިރޭވެސް ކުރިއަށްދާނެ އެވެ. މިރޭ 2 މެޗެއް ކުޅޭއިރު އަންހެން ބައިގެ މެޗުގައި ކުއީން ބީސް އިން އޯލް ސްޓާސްއާ ވާދަކުރާއިރު ފިރިހެން ބައިގައި ތިނަދޫ ޕޮލިސް ނުކުންނާނީ ސޭމް ސޭމްއާ ދެކޮޅަށެވެ. ކުއީން ބީސް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ.
ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ އާއި މިނިސްޓްރީ އޮފް ސްޕޯޓްސްގެ ތިނަދޫ ސިޓީ ސްޓޭޑިއަމް ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި މުޅިއެކު 11 ޓީމް ވަނީ ބައިވެރިވެފައެވެ. އަންހެން ޑިވިޝަނުގައި 5 ޓީމު ވާދަކުރާއިރު ފިރިހެން ޑިވިޝަނުގައި 6 ޓީމު ވާދަކުރެއެވެ.
ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ޝޫޓިންގް ސްޓާރ، މޯލްޑިވްސް ސްޓާރ، ސްކޯޕިއަންސް، ޑީސީ މެންސް، ސޭމް ސޭމް އަދި ތިނަދޫ ޕޮލިހެވެ. އަންހެން ޑިވިޝަނުުގަައި ވާދަކުރާ ޓީމުތަކަކީ ފިޓް ފެމިނައިން، އޯލް ސްޓާރ، ޑީއާރުސީ ވިމެންސް، އިންފިނިޓީ އަދި ކުއީން ބީސް އެވެ.
މި މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ.
ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

