މިހާދިސާ ހިނގާފައިވަނީ ކޭނހިގޭ އިބްރާހިމް މުޙައްމަދު ދީދީގެ އަތޮޅުވެރިކަމުގެ ދުވަސްވަރުއެވެ. އެއީ 1964 ވަނައަހަރާއި 1971 ވަނަ އަހަރާއި ދެމެދެވެ. ބޮޑަށް ބެލެވެނީ ހާދިސާ ހިނގީ 1966 ގެ ކުރީގައި ކަމަށެވެ.
ގިނިރާހި ތުއްތުމަނިކު ކަނޑަށް ވެއްޓުނީ ބުލޫސީ ބޯޓްގައި މާލެއިން ފުރައިގެން އައްޑުއަތޮޅަށް ދަތުރު ކުރަނިކޮށެވެ. މި ބުލޫސީ ބޯޓަކީ ޝަބްނަމް އިބްރާހިމްދީދީގެ ބޯޓެކެވެ. ބޯޓު މާލެއާއި އައްޑުއާ ދެމެދު ދުއްވުމުގައި އިސްކޮށް ޙަރަކާތްތެރިވީ ފުވައްމުލަކު މާދަޑު ސީނާޒު މުޙައްމަދު ވަފީރުއެވެ.
ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ކަނޑުގަދަ ދުވަސްވަރެކެވެ. ދުވަހަކަކީ ރަމަޟާން މަހެއްގެ 29 ވަނަ ދުވަހަށް އަލިވިލެން އައި ރެއެވެ. ބެލެވޭ ގޮތުގައި ފަތިހުގެ ވަގުތެއްގައި ބޯޓް ދަތުރު ކުރަމުން ދިޔައީ ފުވައްމުލަކާ ދިމާލުން ރަށު ބޭރުން އައްޑުއަށެވެ. އޭރު ބޯޓު ހުންނާނީ ކަނޑަށް ވެއްޓޭ އެއްޗެއް ހުޅަނގު މޫސުމުގެ އޮއި ދެމޭ ގޮތުން ފުވައްމުލަކަށް ލައްވާލާ ހިސާބުގައެވެ.
ގިނިރާހި ތުއްތު މަނިކު، ހާރު ކައިގެން ބޯޓްގެ ފަންގިފިލާ މައްޗަށް އަރައި އޮށޯތީއެވެ. އެދުވަސްވަރަކީ ބޯޓުތަކުގެ ފަންގިފިލާ މަތީގައި ޗެންޗޭނު ޖަހައިގެން އުޅުނު ދުވަސްވަރެއް ނޫނެވެ. ބެލެވޭ ގޮތުގައި ތުއްތު މަނިކު ފަންގިލާގެ މަތީގައި އޮތްކަމެއް އެހެން މީހަކަށް އެނގިފައި ނެތެވެ. އޭނާ އެކަނި އޮށޯވެގެން އޮތްވައި ހުޅަނގު މޫސުމުގެ ވަރުގަދަ ބާނިއެއްގައި ބޯޓުޖެހި ތުއްތުމަނިކާއި އޭނާ އޮށޯވެގެން އޮތް ކުނަލާއި ބާލީހާއެކު ކަނޑަށް އެއްލާލިއެވެ. ތުއްތު މަނިކު ކަނޑަށް ވެއްޓުނުކަމެއް ބޯޓުގައި ދަތުރުކުރި އެއްވެސް މީހަކަށް އެވަގުތު ނޭނގުނެވެ. އެހެންކަމުން ބޯޓު އައްޑުއަށް ދިއުމަށް ދަތުރު ކުރަމުން ދިޔައީއެވެ.

ފުވައްމުލަކުގެ ހިތްގައިމު ރީތިމަންޒަރެއް….ފޮޓޯ:މައިފުވައްމުލައް.ކޮމް
ބެރިމަގު ސައީދު އާއި ވައިލެޓްފެހި ޢަބްދުﷲ މުޙައްމަދުއާއި ދެމީހުން، ރަމަޟާން މަހުގެ 29 ވަނަ ދުވަހު ދުވާލުގެ ވަގުތެއްގައި ތިބީ ކަނދޮވަލި ފަންނުގައި ހުރި ކިނބިގަހެއްގެ ދަށުގައިވާ އުސްގަނޑުގައި މުނިފޫހިފިލުވައިލާ އެހެނިހެންވެސް އަމިއްލަ ކަންކަމުގެ ވާހަކަދައްކައި ހިޔާލު ބަދަލުކޮށްލުމަކަށެވެ. އެހެން ތިއްބާ މޫދުގައި އުޅުނު ކުޑަކުދިންތަކެއް އަރައިގެން އައިސް ފަރުގެ ބޭރުގައިވާ އެއްޗަކަށް އިޝާރާތްކޮށް އެ އެއްޗެއް ދެއްކިއެވެ. އަދި އެފެންނަނީ މީހަކު ކަމުގައި ބުންޏެވެ.
އެ ވަގުތަކީ ބޮޑުދިޔަގައި ކަނޑު ގަދަ ވަގުތެކެވެ. ސައީދުމެނަށް މިމީހާ ފެނުނީ ބޮލުގައި ނަނުގަނ ޑެއް އަޅައިގެން އޮތް މީހެއްގެ ގޮތުގައެވެ. ސައީދުއާއި ޢަބްދުﷲ، ފުރަތަމަ ލަފާކުރީ އެއީ މަގިއެދުރުގެ އިބްރާހިމްބޭބެ ކަމަށެވެ. އެހެން ތިއްބާ ރަށު ބޭރު ފަރުގަނޑުގެ ތެރެއިން ލާފައި އެމީހަކު ރާޅާއެކު ލައްގަމުން ލައްގަމުން ގޮނޑުދޮށާ ހަމަޔަށް އަތުއްވެއްޖެއެވެ.
ގޮނޑުދޮށާ ހަމަޔަށް އާދެވުމުން އަންނާށޭ ބުނާ ކަހަލަގޮތަކަށް އަތުން އިޝަރާތެއް ކޮށްފިއެވެ. އެމީހާގެ ކައިރިއަށް ދިޔުމުން އެއީ މަގިއެދުރުގޭ އިބްރާހިމްބޭބެ ނޫންކަން އެނގުނެވެ. ދެން އެއީ ކާކުތޯ އޮޅުންފިލުވުމަށް ސުވާލު ކުރުމުން އޭނާއަކަށް ވާހަކައެއް ނުދެއްކުނެވެ. އަދި ނަނު ގަޑެއްކަމަށް ފެނުނު އެއްޗަކީ އޭނާ ލައިގެން ހުރި ފަޓުލޫނުކަން އެނގުނެވެ. އޭނާ އޮތީ ވަރަށް ވަރުބަލިވެ މާބޮޑު ޙަރަކާތެއް ނުކުރެވޭ ޙާލަތުގައެވެ. ކަނޑުގެ ފެން މަތީގައި އޭނާ ހިފަހައްޓައިލީ ފަޓުލޫނުގެ ފައިކުރިއަށް ވައި އަޅުވައިގެން އެއިގެ އެހީގައެވެ.

ފުވައްމުލަކުގެ މަޝްހޫރު ބީއްސާވެލިގެ މަންޒަރެއް….ފޮޓޯ:ޓްރިޕް
އޭރު ނަޖީބު އޮފީހުން ގެއަށް ވަޑައިގެން އަދި ހެދުންކޮޅު ބަދަލުވެސް ނުކުރައްވައެވެ. މީހަކު ލައްގާފައި އޮތްވާހަކަ ދެންނެވުމުން ތިޔައީ ގިނިރާހި ތުއްތު މަނިކުއޭ ނަޖީބު ވިދާޅުވިއެވެ. އެއަށްފަހު އެދިވަޑައިގަތީ ބައިސްކަލުގައި އަވަހަށް ގޮސް އަތޮޅުވެރިޔާ ކޭހިނގޭ އިބްރާހިމް މުޙައްމަދު ދީދީއަށް ދެންނެވުމަށެވެ.
ސައީދު އަވަސް އަވަހަށް ނަޖީބުގެ ބައިސްކަލުގައި ދުއްވާފައި ގޮސް މާދަޑު ކަރިއްޔާގެ ކުރިމަތިން އަތޮޅުވެރިންނާ ބައްދަލުކޮށް މި ޚަބަރު ދިނެވެ. އަތޮޅުވެރިންވެސް އެވަގުތު ވިދާޅުވީ ތިޔައި ގިނިރާހި ތުއްތުމަނިކު ކަމަށެވެ.
މިހިސާބުން ރަށުގެ މީހުން އަވަސްވެގަތީ ހުސްނުހީނާގެ ބޭރު އުނދޯލި ނަގައި ކޮނޑަށްލައިގެން ކަނދޮވަލި ފަންނަނަށް ދިޔުމަށެވެ. ތުއްތު މަނިކު ހުސްނުހީނާގެއަށް ގެނައީ އުނދޯލީގައި ބާއްވައިގެން މީހުންގެ ކޮނޑުމަތީގައެވެ.
ތުއްތު މަނިކު ހުސްނުހީނާގެއަށް ގެންދިއުމަށްފަހު ނަޖީބުގެ އިރުޝާދާއެކު އަވައްޓެރި ގޭގޭގައި ހުރި ހޫނުފެންއަޅާ ހަންތައް (ހޮޓް ޕެކް)ތައް ހުސްނުހީނާގެއަށް ގެނެސް ފެންކައްކައި ހޮޓްޕެކްތަކަށް އެޅުމަށްފަހު ތުއްތު މަނިކުގެ ހަށިގަނޑު ހޫނުކުރުމުގެ މަސައްކަތުގައި މީހުން ޙަރަކާތްތެރިވާން ފެށިއެވެ.
ހަމަ މިދުވަހު ރަށުގެ އެހެން ހިސާބަކަށް ތުއްތު މަނިކު އޮށޯވެގެން އޮތް ކުނަލާއި ބާލިސްވެސް ލެއްގިއެވެ.
ﷲ ގެ ހެޔޮ ރަޙުމަތްފުޅާއި ރަށުގެ ގިނަ ބައެއްގެ އެހީތެރިކަމާއެކު ތުއްތު މަނިކުގެ ފުރާނަ ސަލާމް ކުރެވުނެވެ.
އޭނާ ފުވައްމުލަކުގައި ހުރުމަށްފަހު އައްޑުއަށް ދަތުރުކުރީވެސް ބުލޫސީ ބޯޓްގައެވެ.
(މިއީ ފުވައްމުލަކުގައި ހިނގާފައިވާ ހަގީގީ ހާދިސާއެކެވެ. މިވާހަކަ ކިޔައިދީފައިވަނީ ހުދު ބެރިމަގު ސައީދުގެ ދުލުހުންނެވެ. މިހާދިސާ ލިޔެފައި މިވަނީ "އަހުމަދުސައީދު" އެފްބީޕޭޖުގައި ގެނެސްދީފައިވާ ގޮތަށެވެ. މިފަދަ ހާދިސާތަކަކީ ހަނދާންތަކެއް އައުވެގެންދިއުމާއެކު ކޮންމެ ޒަމާނަކަސް ދިވެހިންގެ ތެރޭގައި އޮތް ކުލުނާއި ލޯބި، އަހުވަންތަަކަމާއި އެކުވެރިކަން ހާމަވާ ކަންކަމެވެ. މިއީ ނަމޫނާއަކަށް ބަލަންވީ ކަންކަމެވެ. އަދި އިންތިހާއަށް އިބްރަތްވެސް ލިބޭ ކަންކަމެވެ. އެޒަމާނުގައި ކަންހިނގާފައި ގޮތް އެނގޭފަދަ ވާހަކަތައް މިގޮތަށް އެނގޭނެ މަގު ފަހިވުމަކީ ހެޔޮނަސީބެކެވެ.)

