އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ކުޑަކުދިންގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތް ތުއްތު ކުއްޖަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ދަގާޑިއަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދިއްލީގެ ވިވެކް ވިހާރު ސަރަހައްދުގައި ހުންނަ ބޭބީ ކެއާ ހޮސްޕިޓަލުގައި އަލިފާން ރޯވެފައިވަނީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފަޔާ އޮފިސަރު އަތުލް ގަރްގް މައުލޫމާތު ދިންގޮތުގައި، އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލަށް އަލަށް އުފަންވި 12 ކުއްޖަކު އެހެން ފެސިލިޓީއަކަށް ގެންދިޔަ ނަމަވެސް އޭގެ ތެރެއިން ފަސް ކުއްޖަކު މަރުވެފައިވާ ކަމަށެވެ. އެ ކުދިން މަރުވެފައި ވަނީ ދުމުގެ އަސަރުކޮށްގެން ކަމަށްވެސް ބުނެފައި ވެއެވެ.
އަދި އިތުރު ފަސް ކުއްޖަކު ސަލާމަތްވިއިރު، ދުމުގެ އަސަރުކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އޭނާ މައުލޫމާތު ދީފައިވެއެވެ.
ޓީވީ ފުޓޭޖްތަކުން ފެންނަނީ އަލިފާން ނިއްވާ މީހުން ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ރޯވި އަލިފާން ގަނޑު ނިއްވާލަން މަސައްކަތް ކުރަމުންދާ ތަނެވެ.
އެހެން ފަޔަރ އޮފިސަރެއް ކަމަށްވާ ސުރޭޝް ކުމާރު ބުނިގޮތުގައި، އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ތެރޭގައެވެ. މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.
“12 ތުއްތު ކުދިން ވެސް ހޮސްޕިޓަލުން ސަލާމަތްކުރީ އެހެން މީހުންގެ އެހީގައި،” ފުލުހުންގެ އޮފިސަރު ސުރެންދުރަ ޗައުދަރީ ނެރުއްވި ބަޔާނެއްގައި ބުނެފައިވެއެވެ.
އެ ކުދިން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ގިނަ ތުއްތު ކުދިންތަކެއް މަރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގުމާއެކު ކުޑަކުދިންގެ ހޮސްޕިޓަލުގެ ވެރިފަރާތް ފިލާފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، ޗައުދަރީ ވިދާޅުވީ އެ މީހާއާ މެދު ގާނޫނީ ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި އޭނާ އަދި ވެސް ދެނެގަނެވިފައި ނުވާ ކަމަށެވެ.
ދަގާޑިއަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި ތުއްތު ކުދިންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިއު ދިއްލީގެ ޖީޓީބީ ހޮސްޕިޓަލަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

