މި އަހަރުގެ ޖުލައި މަހުގައި ފްރާންސްގެ ޕެރިހުގައި ފަށާ، އޮލިމްޕިކްސް 2024 ގައި އެތުލެޓިކްސް އިން ވާދަކުރާނީ ގދ. ތިނަދޫ އަށް އުފަން އުމުރުން 22 އަހަރުގެ، އިބާދުﷲ އާދަމް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އިން ހާމަކޮށްފި އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ހާއްސަ ސްކޮލަޝިޕެއްގެ ދަށުން ޖެމެއިކާގައި ތަމްރީނު ފުރިހަމަ ކުރަމުން އަންނަ އިބާދުﷲ އަކީ ކުރި އަރަމުން އަންނަ ޒުވާން އެތުލީޓެކެވެ. މި ފަހުން އެތުލެޓިކްސް އެސޯސިއޭޝަނުން ބެލި ޓައިމް ޓްރައިލްސް ތަކުން އެންމެ ރަނގަޅު ޓައިމިންގް އެއް ނެރެފައިވަނީ ވެސް މިވަގުތު ރާއްޖޭގައި ހުރި އެންމެ ބާރު ފިރިހެން ސްޕްރިންޓް ދުވުންތެރިޔާ، އިބާދުﷲ އެވެ. ޓައިމް ޓްރަޔަލް އަށް ބެލިއިރު، އިބާދުﷲ ގެ ޓައިމިން އަކީ، 10.50 ސިކުންތެވެ.
އިބާދުﷲ "ހުވަދޫ"މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ މިއީ މިދިޔަ ހަތަރު އަހަރު އެންމެ ބޮޑު ޓާގެޓަށް ހަދައިގެން މަސައްކަތް ކުރި ކަންތައް ކަމަށެވެ. އަދި މިއީ ކުޑައިރުން ފެށިގެން ދެކެމުން އައި އެއް ހުވަފެނެއް ކަމަށާއި މިކަން ހާސިލްވީ އެތައް ބައެއްގެ ބުރަ މަސަތްކަތުން ކަމަށެވެ. އެގޮތުން އެތުލެޓިކްސްގެ ތެރެއަށް އިންޓްރޮޑިއުސް ކުރުމުގައްޔާއި އެންމެ ކުޑައިރުންސުރެން ފެށިގެން މިއަދާއި ހަމައަށްވެސް ޓްރެއިނިންގް ދީ، ހިތްވަރުދީ ހެދި ޤައުމީ ޓީމުގެ ކޯޗުންނާއި ކޯޗު ހުސެއިން ރައުޙަތު ގުދުރަތުﷲގެ ނަން އިބާދުﷲ ވަނީ ފާހަގަކޮށްފައެވެ.
"މިއީ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން. މިދިޔަ ހަތަރު އަހަރު އެންމެ ބޮޑު ޓާގެޓަކަށް ހަދައިގެން ވޯކް ކުރީ މި އަށް. (އޮލިމްޕިކްސް އަށް)، އެންމެ ކުރިންސުރެ ވެސް ކޯޗު ރައުހަތު ހިތްވަރުދީ، ކަނޑައެޅި ޓާގެޓަކީ އޮލިމްޕިކްސް ކަހަލަ ބޮޑު މުބާރާތެއްގައި ވާދަކުރުމަށް، ވާދަކޮށް ކާމިޔާބީ ހޯދުމަށް. ކޯޗު އަބަދުވެސް ބުނޭ މިކަން ވާނެއޭ، " އިބާދުﷲ ބުންޏެވެ.
އިބާދުﷲ ވަނީ ތިނަދޫ ސިޓީ ކައުންސިލާއި ގދ އަތޮޅު ކައުންސިލް، އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަޤީމް ނަން ވެސް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
އިބާދުﷲ އިތުރަށް ބުނީ މިއީ އަދި ފެށުމެއް ކަމަށާއި އިތުރު ކާމިޔާބީ ހޯދަން ބޭނުންވާ ކަމަށެވެ. އިބާދުﷲ އަށް ލިބުނު ފުރުޞަތަށް މަރުޙަބާ ވިދާޅުވަމުން އިބާ ގެ ކުރީގެ ކޯޗު އަދި ސްޕޯޓްސް މިނިސްޓްރީގެ ޑެޕއުޓީ މިނިސްޓަރ ރައުޙަތުގެ ވިދާޅުވީ މިއީ ރާއްޖޭގެ އެތުލެޓިކްސް ކުރިއެރުވުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މި ފުރުސަތުގައި އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުންތަޤީމް އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލުގެ ނަން ފާހަގަ ކުރާ ކަމަށެވެ.
އިބާދުﷲގެ އިތުރުން މިފަހަރުގެ ގޭމްސްގައި ރާއްޖޭން މިހާތަނަށް ތިން އެތުލީޓަކު ވާދަކުރާނެކަން ވަނީ ޔަގީންވެފައެވެ. ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ދެކުނު އޭޝިއާގެ އޮލިމްޕިކްސް ކޮލިފައިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައި މިފަހަރުގެ ގޭމްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ހޯދައިފައެވެ. މީގެ އިތުރުން ބެޑްމިންޓަން ތަރި ފާތިމަތު ނަބާހާ އަބްދުއްރައްޒާގަށް ވެސް ވަނީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިފައެވެ. ނަބާހާ އަށް އޮލިމްޕިކްސްގެ ޖާގަ ދިނީ އޮލިމްޕިކްސްގެ ޓްރައިޕާޓައިޓް ކޮމިޝަނުން، އޭނާގެ ނަތީޖާ އަށް ބެލުމަށްފަހު ނަތީޖާތައް ރަނގަޅު ވުމުންނެވެ. މިއީ ނަބާހާ ޖެހިޖެހިގެން އޮލިމްޕިކްސްގައި ވާދަކުރާ ދެވަނަ ފަހަރެވެ.
އޮލިމްޕިކް ކޮމިޓީގެ ޗެއާމަން އަބްދުއް ސައްތާރު މީގެ ކުރިން ވިދާޅުވެފައި ވަނީ، މި އަހަރު ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކްސް އަކީ، ރާއްޖޭން އެންމެ ބޮޑު ކޮންޓިންޖެންޓެއް ވާދަކުރާ އޮލިމްޕިކްސް ގޭމްސް އަށް ވާނެ ކަމަށެވެ. މި އަހަރުގެ ގޭމްސް އޮންނާނީ ޖުލައި 26 އިން އޮގަސްޓް 11 ވަނަ ދުވަހަށެވެ.

