ދިވެހިންގެ އެހީގައި ފަލަސްތީނުގެ ކުއްޖަކު ރާއްޖެ ގެނެސްފިއެވެ.
"ހިދުމަތް" ޖަމިއްޔާއިން ރާއްޖެ ގެނެސްފައި މިވަނީ ފަލަސްތީނަށް އުފަން އުމުރުން 17 އަހަރުގެ ނަދާ ނަމަކަށް ކިޔާ ފުރާވަރުގެ ކުޑައަންހެންކުއްޖެކެވެ.
ނަދާ ރާއްޖެ ގެނައުމަށް މަގު އަލިވެގެން ދިޔަ އެއް ސަބަބަކީ، ޖަމިއްޔަތުލް ފަލާހުގެ ރައީސް، ގާރީ، އަބްދުއްސައްތާރު އަބޫބަކުރުގެ ދަރިފުޅަކީ ނަދާގެ ދައްތަގެ ފިރިމީހާ ކަމަށްވުމުން، ނަދާ ރާއްޖެ ގެނައުމަށް ފަލާހު ޖަމިއްޔާއިން އެދިފައިވުމެވެ.
ހިދުމަތް ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މީގެ ވިހި ވަރަކަށް ދުވަސްކުރިން ފަލާހު ޖަމިއްޔާއިން ނަދާ ރާއްޖެ ގެނައުމަށް އެދުނު ކަމަށެވެ. އަދި އެހިސާބުން ރައްޔިތުންގެ ފަރާތުން ލިބުނު އެހީގައި އެކުއްޖާ ގެނައުމުގެ މަސައްކަތް ފެށި ކަމަށެވެ.

ޚިދުމަތް ޖަމިއްޔާއިން ރާއްޖެ ގެނައި ފަލަސްތީނުގެ ނަދާ ވެލާނާ އެއާޕޯޓުގެ މުވައްޒަފުންތަކަކާއި އެކީ– ފޮޓޯ: ޚިދުމަތް ޖަމިއްޔާ
ނަދާ ދިރިއުޅެމުން ދިޔައީ ޣައްޒާގައި ކަމަށާއި އެތަނުގެ ކަންކަން ހުރި ގޮތުން ކުއްޖާ ޣައްޒާއިން ބޭރު ކުރަން ވެސް ވަރަށް ދަތިތައް ކުރިމަތިވި ކަމަށް ހިދުމަތް ޖަމިއްޔާއިން ބުންޏެވެ. ނަދާ މިވަގުތު ރާއްޖޭގައި ހުރިނަމަވެސް ނަދާ ދިރިއުޅޭ ގޮތަށް ހަމަޖެހިފައިވަނީ މެލޭޝިއާގައި ދިރިއުޅެމުން އަންނަ އެކުއްޖާގެ އާއިލާއާ އެކުގައި ކަމަށްވާތީ، ދެ ހަފްތާއެއްހާ ދުވަސް ތެރޭ ނަދާ މެލޭޝިއާއަށް ފުރާނެއެވެ. އަދި ހަމައެހެންމެ ނަދާގެ ތައުލީމީކަންތައްތަކަށް ހަރަދު ކުރާގޮތަށް ހަމަޖެހިފައި ވަނީ ދިވެހިންދޭ އެހީގައެވެ. މެލޭޝިއާގައި ނަދާގެ ތައުލީމީ ކަންތައްތައްވެސް ވަނީ ހަމަޖެހިފައެވެ.
ނަދާ މިއަދު ރާއްޖެ ގެނެސްފައިވާއިރު، ނަދާގެ އެދުމަކީ އޭނާގެ އާއިލާގެ ދެން ތިބި މީހުން ރާއްޖެ ގެނައުމެވެ.

ޚިދުމަތް ޖަމިއްޔާއިން ރާއްޖެ ގެނައި ފަލަސްތީނުގެ ނަދާ — ފޮޓޯ: ޚިދުމަތް ޖަމިއްޔާ
ޚިދުމަތް ޖަމިއްޔާއިން ފަލަސްތީނުގެ ކުއްޖަކު ރާއްޖެ ގެނެސްފައިވާއިރު، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ) އިން ވެސް ވަނީ ދިވެހިންގެ އެހީގައި ފަލަސްތީނުގައި ތިބި، ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ހަސަން އަލް ކުރުދީގެ އާއިލާ ވެސް މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖެ ގެނެސްފައެވެ.

