ބަދުއަޙްލާގީ މައްސަލައެއްގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ އުމުރުން ދުވަސްވީ ޤައިދީއެއް ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ދިޔަ ތ. ތިމަރަފުށީ މިނިވަން އައްސޭރި އާދަމް ޢަލި މަނިކު (83) އެވެ.
ކަރެކްޝަންސް ސާވިސް އިން ބުނީ އާދަމް ޢަލި މަނިކު ނުހޭލައިގެން، އެ ގޮޅީގައި ތިބި އެހެން ޤައިދީން ޑިއުޓީ އޮފިސަރުންނަށް އެންގުމުން، މެޑިކަލް ސެންޓަރަށް ގެންދިޔައިރުވެސް ހަރަކާތް ނުކުރާތީ، އޭނާ ވަނީ 12:00 ހާއިރު އެމަޖެންސީ ޙާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށި ކަމަށެވެ.
“ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާކަމަށް ކަނޑައަޅާފައިވަނީ މެންދުރު 12:30 ހާއިރު ގައި” ކަރެކްޝަންސް
އާދަމް ޢަލި މަނިކުއަކީ ކުޑަކުއްޖަކާ ގުޅޭ ބަދުއަޙްލާގީ މައްސަލައެއްގައި 10 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޛުކުރަމުންދިޔަ މީހެކެވެ. އަދި އޭނާއަކީ ހަކުރު ބަލި، ކިޑްނީ އަދި ކުޑަކަމުދާ ނިޒާމިގެ ބަލި، ކޮލެސްޓްރޯލް، ހައިޕަރޓެންޝަން އަދި ލޮލުގެ ބަލި ފަދަ ގިނަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ.
އާދަމް ޢަލި މަނިކު ނިޔާވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައި ކަމަށްވެސް އެ ސާވިސް އިން ވަނީ ބުނެފައެވެ.

